އެމެރިކާގެ ނިންމުން ބަދަލުކޮށް ރައީސް އައްބާސް އަށް ވިސާ ދޫކުރުމަށް ފަލަސްތީނުން ގޮވާލައިފި

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފުރުސަތުދީ، ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ އަލުން ވިސާ ދޫކުރުމަށް އެ ޤައުމުން، އެމެރިކާއަށް ރަސްމީކޮށް ގޮވާލައިފިއެވެ.
އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސާއި، އެ ގައުމުގެ އިސް 80 އޮފިޝަލުން އެމެރިކާ އަށް އެތެރެނުވެވޭނެހެން ހަދަން އެމެރިކާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރައީސް އައްބާސަށް ވިސާ ނުދިނުމަށާއި، 80 އޮފިޝަލުން ތެރެއިން މިހާރު ވިސާ ދީފައިވާ މީހުންގެ ވިސާ ކެންސަލްކޮށް، ވިސާ ބޭނުންވާ އިތުރު އޮފިޝަލުންނަށް ވިސާ ނުދޭން ވަނީ ނިންމާފައެވެ.
މި ނިންމުމާއި ގުޅިގެން ރައީސް އައްބާސްގެ ތަރުޖަމާނުނަބީލް އަބޫ ރުދައިނާ ވަނީ އެމެރިކާއިން އައްބާސްގެ ވީސާ ބާތިލުކުރި ނިންމުން އަނބުރާ ގެންގޮސް ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ (ޔޫއެންޖީއޭ) ބައްދަލުވުމުގައި އައްބާސް އަށް ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލާފައެވެ.
ފަލަސްތީނުގެ ރައީސް އައްބާސްވަނީ ގިނަ އަހަރުތަކެއް ވަންދެން އާންމު މަޖިލީހުގައި ފަލަސްތީނުގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ. އަދި އާންމު ގޮތެއްގައި ފަލަސްތީނުގެ ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ހުންނަވަނީވެސް އެމަނިކުފާނެވެ.
"އަޅުގަނޑުމެން އެމެރިކާގެ އިދާރާއަށް ގޮވާލަނީ މި ނިންމުން އަނބުރާ ގެންދިއުމަށް،'' ރައީސް އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ހޮނިހިރު ދުވަހު އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވެފަވެއެވެ. އަދި އެމެރިކާގެ މި ނިންމުމުގެ ސަބަބުން އިތުރަށް ކަންކަން ގޯސްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އިއްޔެއްސުރެ ވާނީ ޢަރަބި އަދި ބޭރުގެ ޤައުމުތަކާ، ޚާއްޞަކޮށް މި މައްސަލައާ ސީދާ ގުޅުންހުރި ޤައުމުތަކާ ވާހަކަދައްކާފައި، މި މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ" އަބޫ ރުދައިނާ އިތުރަށް ވިދާޅެފަވެއެވެ.
އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެހެން ޤައުމުތަކުން ޕްރެޝަރު ކުރުމަށްވެސް ގޮވާލައްވާފައެވެ. ޚާއްޞަކޮށް އޭނާ ވަނީ ދެ ދައުލަތުގެ ހައްލު ހޯދުމަށް މަސައްކަތްކުރާ އިސް ގައުމުތަކަށް މިކަމަށް އިލްތިމާސްކޮށްފައެވެ.
ރައީސް އައްބާސް އާއި ފަލަސްތީނުގެ 80 އޮފިޝަލުން ވަޑައިގަންނަވަން ނިންމާފައިވާ، ސެޕްޓެމްބަރު 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އިންތިޒާމުކުރަނީ ފްރާންސް އާއި ސަޢޫދީ ޢަރަބިއްޔާއިންނެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އދ.ގެ މި ބައްދަލުވުމުގައި މިނިވަން ފަލަސްތީނު ދައުލަތެއް ގަބޫލުކުރާނެ ކަމަށް އިތުރު ގިނަ ޤައުމުތަކަކުން ވަނީ އިޢުލާނުކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ