ކޮންމެ ޕާޓީއެއްގައި ވެސް މައްސަލަ އަކީ ލީޑަޝިޕްގަ ތިބޭ ބޭފުޅުން ކަމަށް ފަލާހު ވިދާޅުވެއްޖެ ކޮންމެ ޕާޓީއެއްގައި ވެސް މައްސަލަ އަކީ ލީޑަޝިޕްގަ ތިބޭ ބޭފުޅުން ކަމަށް ފަލާހު ވިދާޅުވެއްޖެ

ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މައްސަލަ އަކީ ޕާޓީތަކުގެ ލީޑަޝިޕުގައި ތިއްބަވާ ބޭފުޅުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށާއި، ހޯމަ ދުވަހުގެ ރޭ އަލުން ގުޅިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެ ޖަލްސާއަށް ގިނަ ބަޔަކު ނުދާ ކަމަށް ވިދާޅުވެ ފަލާހު ވަނީ ޖަލްސާގެ ކަންކަން ރާވައި، އެތަން ތައްޔާރުކުރީ ޑިމޮކްރެޓްސްގައި ކުރިން ތިބި މީހުން ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް އެ ދުވަހު އެ ސަރަހައްދުގައި އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން ހަރަކާތްތެރިވި އެވެ.
ފަލާހު ވިދާޅުވީ، ގައުމު ރަނގަޅު ނުވަނީ އެމްޑީޕީގެ ލީޑަޝިޕުން ކަންކުރާ ގޮތުން ކަމަށާއި މިއީ އެމްޑީޕީގެ އާންމު މެންބަރުންގެ މައްސަލައެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ އާންމު މެންބަރުންގެ މައްސަލައެއް ނޫން މިއުޅެނީކީ. މައްސަލަ މިއުޅެނީ ކޮންމެ ޕާޓީއެއްގަ ވެސް ލީޑަޝިޕުގެ ތިބޭ ބޭފުޅުންގެ މައްސަލަ. އަޅުގަނޑުމެން ވެސް ކުރީގަ ޕާޓީއެއްގަ [ޕީޕީއެމް] ގަ ތިބިން. އޭރު އެ ޕާޓީގެ ލީޑަރަކަށް ހުރީ ޔާމީނު. އެ ބުނީ ރަނގަޅަށް އެއީ ވަގެއް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑަޝިޕުގައި ވައްކަން ނުކުރާ އެކަކު ވެސް ނެތް ކަމަށާއި މިދިޔަ ފަސް އަހަރުގެ ތެރޭ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްޑީޕީގެ ވެރިން "ކެއި" ކަމަށް ފަލާހު ވަނީ މިއަދު ވެސް ތަކުރާރުކޮށް ތުހުމަތުކުރައްވާފަ އެވެ.
ހުރިހާ ޕާޓީއެއްގަ މައްސަލައަކީ ލީޑަޝިޕު ކަމަށް ވިދާޅުވުމުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަނީ އޭގެ ތެރޭގައި ޕީއެންސީ ހިމެނޭ ކަމަށް ބުނެ ފަލާހު ވާހަކަދައްކަވަނިކޮށް އަޑުގަދަކޮށްފަ އެވެ. އެކަމަށް ފަލާހު ރައްދު ދެއްވާފައި ނުވާއިރު، އޭނާގެ ވާހަކަ ޕީއެންސީއަށް ނިސްބަތްނުވާ ކަމަށް ވެސް ވިދާޅެއް ނުވެ އެވެ.
ފަލާހު އަކީ މި ވެރިކަމުގައި ޕީއެންސީގެ އިސް ސަފުގައި ހުންނެވި ބޭފުޅެކެވެ. ޕީޖީ ލީޑަރުގެ އިތުރުން ރައީސް މުއިއްޒު އާއި ގާތް ގުޅުމެއް ބާއްވާ ޕާޓީ ހިންގުމުގައި ވެސް އޭނާ ހަރަކާތްތެރިވަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ