އާ ޓާމިނަލް ފުރިހަމަކުރަން ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކާއެކު މަސައްކަތްކޮށް، އާ ޓެކްނޮލޮޖީ ބޭނުންކުރާނަން: ޝަރީފް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކާއެކު މަސައްކަތްކޮށް، އާ ޓެކްނޮލޮޖީ ބޭނުންކުރައްވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. ވީއައިއޭގެ އާ ޓާމިނަލް މި އަހަރުގެ ޖުލައި 26ގައި ހުޅުވާނެކަން އެމްއޭސީއެލުން އިއުލާނުކުރީ އޭވިއޭޝަން ފޯރަމުގެ ދެވަނަ އެޑިޝަނުގައި މިދިޔަ މަހުގެ 27ގައެވެ. އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު -- ފޮޓޯ/ އެމްއޭސީއެލް ޝަރީފު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަމުން އަންނަނީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރަންޖެހޭ އެންމެ މަތީ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި، ޚިދުމަތްތައް ފުރިހަމަ ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ. އެކަމަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު މޮޑާލިސް ކުންފުނީގެ ޚިޔާލާއި މަޝްވަރާ ހޯދަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. މޮޑާލިސް ކުންފުންޏަކީ އެއާޕޯޓު ފަދަ ބައިނަލްއަގްވާމީ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ސްޓްރެޓެޖިކް އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ޕްރޮފެޝަނަލް ޚިދުމަތްދޭ ފާމެކެވެ. ޝަރީފް ވިދާޅުވީ އާ ޓާމިނަލުގައި ތަފާތު އާ ޓެކްނޮލޮޖީ ވެސް ބޭނުންކުރާނެ ކަމަށެވެ. އޭރުން އެތެރެއާއި ބޭރުގައި ދިވެހިވަންތަ ސިފަތައް ފެންނާނެ ކަމަށާއި ފަސިންޖަރުންނަށް ފަސޭހަކަމާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގަ އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://x.com/MACLmedia/status/1937819095912587378 މި އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު ޓާމިނަލެކެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި، ސެލްފް ސާވިސްގެ ހަ ކިއޮސްކާއި، ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައިވާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ. މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ