ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކަށް ފާގަތިކަން ލިބޭނީ އިސްލާމީ އުސޫލުގައި ދެމިތިބެގެން: ރައީސް
ދިވެހި މުޖުތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކަށް ފާހަގަތިކަން ލިބޭނީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރުގެ ތަހުނިޔާ ހުރިހާ މުސްލިމުންނަށް އަރިސްކުރައްވައި، އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ކޮންމެ މުނާސަބަތެއްގައި ވެސް ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ޙަޤީޤަތަކީ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަން ކަމަށެވެ. އެގޮތުން، ދިވެހި މުޖްތަމަޢުގައި އޮތް ކޮންމެ ކަންބޮޑުވުމަކުން ނަޖާވުމާއި ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ޚިތާބުގައި ވަނީ، ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި، މަދީނާއަށް ހިޖުރަކުރެއްވި ހާދިސާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެއީ، އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. "ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ޤައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރު ވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ޙިކްމަތްތެރި ހަމަތަކެކެވެ. ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެގޮތް ރޭއްވެވުން ދޭހަކޮށްދެނީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމު ކަމެވެ،" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް، ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެއްޓެވި ކަމަށާއި މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ޞަޙާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެ ހާދިސާއާ ގުޅުވައި ރައީސް އިތުރަށް ފާހަގަކުރެއްވި ކަންކަން: މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާއެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިޢަތު ހިއްޕެވި ކަމާއި މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވިކަން ދަތުރުފުޅަށް ފެއްޓެވި ރޭ، ކީރިތި ރަސޫލާގެ އެނދުދާންކޮޅުގައި ޢަލީގެފާނު ބޭއްވެވުމާއި ޢާންމުކޮށް މަދީނާގެ ދަތުރަށް މީހުން މިޞްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ރޭ މަޑުކުރެއްވުން ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ޞަޙާބީ ބޭކަލެއްކަމުގައިވާ ޢާމިރު ބިން ފުހައިރާއާ ޙަވާލުކުރެއްވުން މިކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖު ވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ކަމަށް ވިދާޅުވި ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ޙަވާލުކުރެއްވީ، ޒުވާން ޞަޙާބީ ޢަބްދުﷲ ބިން އަބޫބަކުރާކަން ފަރިއްކޮޅު ގެނަސްދެއްވުން ޙަވާލުކުރެއްވީ ހިތްވަރުގަދަ އަންހެން ޞަޙާބީ އަސްމާ ބިންތު އަބޫބަކުރާ ކަމަށްވާއިރު، އެއީ އިސްލާމީ މުޖްމަތަމަޢުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ޙިއްސާގެ ބޮޑުކަން ކަމަށް ރައީސް ވިދާޅުވި މައްކާއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ޙައްސާސް ދަތުރުފުޅުގައި ޚިޔާރުކުރެއްވީ، އެކަމުގެ ތަޖްރިބާކާރެއް ކަމުގައިވާ ޢަބްދުﷲ ބިން ޢުރައިޤަޠު ކަމާއި އެއީ މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލެއްކަން މަދީނާއަށް ކީރިތި ރަސޫލާ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރުންގެ މެދުގައި މުއާޚާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރެއްވުމަށާއި މަދީނާގެ ސަރަޙައްދުގައި ދިރިއުޅޭ އެހެން ޢަޤީދާތަކުގެ އަހުލުވެރީންނާއެކު ޞުލްޙައިގެ އެއްބަސްވުންތައް ޤާއިމު ކުރައްވަންކަން އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކަވައި، މަދީނާ ބިނާކުރައްވައި އާރޯކަން އިތުރުކުރައްވައި، ރަށްވެހި ރީތި ސަހަރަކަށް ހެއްދެވުމަށްކަން ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ޤާއިމު ކުރައްވައި ތަންފީޒު ކުރެއްވުމަށްކަން ރަސޫލާގެ މާތް ސުންނަތުން ފެންނާން ހުރި މިފަދަ ކޮންމެ ކަމަކީ ވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ