ތިނަދޫ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން އެލްޖީއޭއިން ހާމަކޮށްފައިވަނީ، މިއަދު އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ތަފްސިލު - މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި މި ފިޔަވަޅުތައް އަޅަން ނިންމީ އެ އިދާރާގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި މައްސަލަތައް ބަލާ އެކުލަވާލި ތަހުގީގު ރިޕޯޓަށް ފަހު އެވެ.
އެ މައްސަލައިގައި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޖުމްލަ 19 ކަމެއްގެ މައްޗަށް ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ދައުލަތުގެ އިދާރާތަކުން، ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ
ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނަގާ މައްސަލަ
އެ ފީ ނެގުން ހުއްޓާލުމަށް އެލްޖީއޭއިން އެންގުމުން އެ އަށް އަމަލު ނުކުރާ މައްސަލަ
އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ
އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރާ މައްސަލަ
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ މައްސަލަ
އެންޓި ކޮްރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަކަށް އެއްބާރުލުން ނުދިން މައްސަލަ
ކައުންސިލުގެ އޮފިޝަލުން ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ
200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރާ މައްސަލަ
ރަށުން ދޫކުރި ފްލެޓްތަކަށް ވަޅު ފެން ނުލިބޭތީވެ، އެކަމާ ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލްގެ މޭޔަރާ ބައްދަލު ކުރަން އެދުމުން ބައްދަލު ނުކުރި މައްސަލަ
މޭޔަރަށް ތުހުމަތުވާ އެހެން ޝަކުވާތަކުގެ ތެރޭގައި ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ ވެސް ހިމެނޭ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ނުލިބެނީސް ވެސް ސިޓީ ކައުންސިލްގެ މެންބަރަަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް އެ މެންބަރުން ނެގި ކަމަށް ބުނާ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ގާނޫނާއި މާލިއްޔަތު ގަވައިދު އަދި އެހެން ވެސް ގާނޫނުތަކާ ހިލާފަށް ބައެއް ކަންކަން ކައުންސިލުން ކުރި ކަމަށް ބުނާ މައްސަލަތައް ވެސް އެ 19 ކަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން:
ވޭޖް އުސޫލުން އިއުލާން ކުރުމެއް ނެތި، ކައުންސިލަށް މުވައްޒަފުން ނަގާ މައްސަލަ
މާލިއްޔަތު ގާނޫނާ ހިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓްތައް ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މައްސަލަ
ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުކޮށްފައިވާ މައްސަލަ
ކައުންސިލް މެންބަރު އަދި ކުރީގެ ލަވަކިޔުންތެރިޔާ އަބްދުﷲ ޒަލީފް މުހައްމަދު ސާބިތު ދަރަންޏެއް އޮތް މައްސަލަ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެ، އެލަވަންސް ނަގާ މައްސަލަ
އެކަންކަމާ ގުޅިގެން ކައުންސިލާ މެދު އަޅަން އެލްޖީއޭގެ ބޯޑުން ނިންމި ނިންމުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރެއްވީ، އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝާފިއު އެވެ. އެގޮތުން ޝާފިއު ވިދާޅުވީ:
ލާމަރުކަޒީ ގާނޫނުގައި ބުނާ މަސްއޫލިއްތުތަކާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރުމާއި އެ ވާޖިބުތައް އަދާ ކުރުމުގައި ކައުންސިލުން އިހުމާލުވެފައިވާކަމަށް
ކައުންސިލްގެ ބާެރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ހިފުމާއި ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވޭ؛ އަދި ބައެއް އެފަދަ އަމަލުތައް ތަކުރާރުކޮށް ކޮށްފައިވޭ
އެކަންކަމަށް ރިއާޔަތްކޮށް، ގާނޫނާ ހިލާފު ވެފައިވާތީވެ، މޭޔަރު ސައުދު ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ އެއް މަސްދުވަހަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑްކުރަން ނިންމި ކަމަށް ޝާފިއު ވިދާޅުވި އެވެ.
އޭގެ އިތުރުން، ދެން ނިންމާފައިވަނީ ހަތަރު ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށާއި އެ ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ލިބިފައިވާ ފައިސާ ދެ މަސް ތެރޭ ދެއްކުމަށް އެންގުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކައުންސިލް މެންބަރު އަހުމަދު ވަހީދު
ކައުންސިލް މެންބަރު އާމިނަތު ނަސީމާ
ކައުންސިލް މެންބަރު އަހްމީމާ އަހްމަދު
ކައުންސިލް މެންބަރު މުހައްމަދު ޒަލީފް
މީގެ އިތުރުން، ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވައިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ވެސް އެލްޖީއޭއިން ނިންމި ކަމަށް ޝާފިއު ވިދާޅުވި އެވެ.
ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ