ހަނގުރާމައާ ގުޅިގެން ހަކަތަ ރައްކާތެރި ކުރުމަށް ބަންގްލަދޭޝް އިން ދެ ބިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ހަކަތަ ސަލާމަތްކުރުމުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަލްޓިލޭޓަރަލް އެޖެންސީތަކުން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ ލޯނު ހޯދުމަށް ބަންގްލަދޭޝް އިން މަސައްކަތް ފަށައިފިއެވެ. ބޮޑުވަޒީރުގެ ފިނޭންސް އެންޑް ޕްލޭނިން އެޑްވައިޒަރު ރަޝީދު އަލް ޓިޓޫމިރް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ސަޕްލައިއެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތިން ސްޓްރެޓެޖީއެއް ކަނޑައަޅާފައި ކަމަށެވެ. "އޭގެ އެއް ބަޔަކީ ލޯނުތައް ކަށަވަރުކުރުން," އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ޓިޓޫމިރް ވިދާޅުވިއެވެ. "އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން 1.3 ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައިވާއިރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ބަޖެޓް ސަޕޯޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު ދޭނެ ކަމަށް ވަނީ އަންގާފައި،" ޓިޓޫމިރް ވިދާޅުވިއެވެ. މީގެއިތުރުން ބަންގްލަދޭޝް ސަރުކާރުން ވޯލްޑް ބޭންކުގެ އެހީއަށް އެދުން އެކަށީގެންވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. "ބޭރު ފައިސާގެ ރިޒާވް ބެހެއްޓުމަށް ބޭނުންވާތީ، ލޯނު ހޯދުން ނޫން އިތުރު މާބޮޑު ގޮތެއް ނެތް،" ޓިޓޫމިރް ވިދާޅުވިއެވެ. އަދި އުތުރު އެމެރިކާ، ދެކުނު އެމެރިކާ ނުވަތަ އެފްރިކާ އިން ހަކަތަ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަަމަށް ވެސް އޭނާ ބުނެފައިވެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު ވެސް، ގައުމަށް ބޭނުންވާ ތެލާއި ގޭހުގެ 95 ޕަސެންޓް އެތެރެކުރާ ބަންގްލަދޭޝްއިން ކަރަންޓާއި ތެލުގެ އަގު މިހާތަނަށް ބޮޑުކޮށްފައެއް ނުވެއެވެ. އެ ގައުމުގެ ގޭސް ސަޕްލައިގެ ގާތްގަނޑަކަށް 35 ޕަސެންޓް ވެސް އަންނަނީ މެދުއިރުމަތިންނެވެ. ބަންގަލްދޭޝްއިން އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. . މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، ތެޔޮ ބޭނުންކުރުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ތެޔޮ ގަތުމަށް ލިމިޓް ކަނޑައެޅުމާއި، ގަސްކާނާ އުފައްދާ ގިނަ ފެކްޓްރީތަކުގައި އުފެއްދުން ހުއްޓާލުމާއި، ތެޔޮ އަޅާދޭ ސްޓޭޝަންތައް ޕެޓްރޯލް ކުރުމަށް ފުލުހުން ފޮނުވުމާއި، އެލްއެންޖީ ޝިޕްމަންޓްތައް އެސްކޯޓް ކުރުމަށް ނޭވީ ބޭނުން ކުރުން ހިމެނެއެވެ. ހަކަތަ ސަލާމަތް ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ޔުނިވާސިޓީތައްވެސް ބަންދުކުރިއެވެ. އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިގްތިސާދީ މުހިންމު ތަންތަނުގެ އިތުރުން އިސްރާއީލަށްވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ. އޭގެއިތުރުން ދުނިޔޭގޭ ބާޒާރުގައި ވިއްކާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހަރްމޮޒް ކަނޑުއޮޅީގެ ކޮންޓްރޯލުވެސް އީރާނުން ވަނީ ނަގާފައެވެ. އެކަމުގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައި މުޅި ދުނިޔެއަށްވެސް ވަނީ ތެލުގެ ދަތިކަން ކުރިމަތިވެފައެވެ. ތެލުގެ އަގު ދުވަހެއް ދުވަހަކަށް އުފުލި، ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު އިއްޔެގެ ނިޔަލަށް ވަނީ ފީފާއެއް 112 ޑޮލަރަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ