ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި

ގއ. ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.
މީހުން ދިރިއުޅޭ ރަށްތަަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގެމަނަފުށީގެ މައި އިދާރާތައް ހުރި މަގުތަކާއި، އަދި ރަށުގެ ސިނާޢީ ސަރަޙައްދުތަކަށް ބޭނުންކުރާ މައި މަގުތައް ތާރުއަޅާ ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު، މި މަސައްކަތުގެ ދަށުން ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ.
ދުވާރު ހެދުމާއި މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތް ހިމެނެއެވެ. ދުވާރުގެ މަސައްކަތުގެތެރެއިން ކާނުތައް ހެދުމާއި، ފަހުން އަޅާ ޚިދުމަތްތަކުގެ ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި، ގަސް އިންދާ ވަޅުގަނޑުތައް ހެދުމާއި، ކާބްސްޓޯން ޖެހުމާއި، އަދި ޒިގްޒެގް އިންޓަަލޮކިންގ ބްލޮކް ބޭނުންކޮށްގެން ޕޭވްމަންޓްގައި ގާ އެތުރުން ހިމެނެއެވެ.
ފެންބޮޑުވުން ހައްލުކުރުމަށްޓަކައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މަގުގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރާނެއެވެ. މި މަޝްރޫޢަށް 76.1 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބާރު ދުވެލީގައި ކުރަމުންނެއެވެ. އޭގެ ތެރެއިން މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް އާރްޑީސީއާއި ހަވާލުކޮށްގެންވެސް ދަނީ ކުރަމުންނެއެވެ.
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުން މަޖުބޫރުނުކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މެއިންޓެއިން ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ