ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ކަމަށެވެ.
މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ ފުޅާވެ، އެކަމުގެ ރައްދު ހަމަލާތައް ގަލްފް ޤައުމުތަކަށް އަމާޒުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިގެން ގޮސްފައެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލުގެ ދެ ޝިޕްމަންޓެއް މިދިޔަ ހަފްތާގައި ރާއްޖެއަށްވަނީ ގެނެސްފައެވެ. އެސްޓީއޯއިން ތެޔޮ އެތެރެކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އޭގެ އިތުރަށް ސަޕްލަޔަރުންނާއެކު ހެދިފައިވާ ނޮމިނޭޝަން އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ. ނޮމިނޭޝަން އިންތިޒާމުތަކަކީ ދުރާލާއި ތެޔޮ ގަންނަން އޯޑަރު ދީ، އެބަލާ ދާ ދުވަހާއި އުޅަނދުގެ މައުލޫމާތު ސަޕްލަޔަރުންނާއި ހިއްސާކޮށްގެން ކުރިއަށް ގެންދެވޭ މުޢާމަލާތްތަކެކެވެ. މިގޮތަށް މިހާރު ދެ ޝިޕްމަންޓެއްގެ ތެޔޮ ގެނެސްފައިވާއިރު ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ތާރީހުތަކާއި އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމަންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެކަމަށް މީގެ ކުރިންވެސް ސަރުކާރުން ދެއްވާފައިވާ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ބާވަތްތަކުގެ ކާބޯތަކެތި ﷲ އިރާދާފުޅާއެކު އެއްވެސް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ރާއްޖޭގެ ބާޒާރުގައިވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ. ސަރުކާރުން ވަނީ ތެލުގެ އަގަށް އަންނަ ބަދަލާއެކު ރައްޔިތުން އެކަމުގެ ފުރިހަމަ ބުރަ އުފުލަން ނުޖެހޭނެހެން އަގު އުފުލޭ މިންވަރުން ބައެއް އެސްޓީއޯގެ ފައިދާގެ ތެރެއިން ސަބްސިޑައިޒް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ބާވަތެއްގެ އަގަށް ބަދަލު ގެންނާނީ އެކަމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ