ސަރުކާރު ހިންގާ ޕީއެންސީން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަން މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ނިންމަވައިފިއެވެ.
މޫސާ އަލީ ޖަލީލާއެކު މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ޑިސިޕްލިން ބޭފުޅެއް ކަމަށާއި އެހެން ބޭފުޅުންގެ ކޮރަޕްޝަންގެ ވާހަކަތައް އަޑުއިވުނު ނަމަވެސް، މޫސާ އަލީ ޖަލީލްގެ އެފަދަ ވާހަކައެއް ދުވަހަކުވެސް އަޑު އިވިފައި ނުވާ ކަމަށެވެ.
މާލެއަށް ތަރައްގީ ގެނައުމުގެ ފުރުސަތު އޮތީ މޫސާ އަލީ ޖަލީލަށް ކަމަށާއި އޭނާއަށް ދެއްވާ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށެވެ. އަދި މާލެއަށް ކަމެއް ކޮށްދެވޭނީ ސަރުކާރަށް ތާއީދުކުރާ ކައުންސިލަކަށް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއް ނޫން ކަމަށާއި އެގޮތުން ރާއްޖޭގެ ދަރަންޏަކީ ވެސް ކުރީގެ ސަރުކާރުން އުފައްދާފައިވާ ދަރަނިތަކެއް ކަމަށެވެ. އަދި ރައީސް ސަރުކާރު ހިންގަވާ ގޮތް ވެސް މިހާރު ވަރަށް ރަނގަޅު ކަމަށް ވިދާޅުވިއެވެ.
އާދަމް މަނިކު ވަނީ އިދިކޮޅު އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި ހުންނަކަން ފާހަގަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ އެމްޑީޕީގައި މިހާރު ތިބީ ޖަލު ބޭރުން ޖެހިފައި ތިބި ބައެއް ކަމަށާއި އެއީ ހަގީގީ އެމްޑީޕީ ނޫން ކަމަށެވެ.
ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ