ދިގުރަށުގެ އަލިފާނުގެ ހާދިސާއަށް ހަފުތާއެއް، ފިހުނު ދެ މީހުންނަށް އަދިވެސް އައިސީޔޫގައި ފަރުވާދެނީ

މި މާރިޗު މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އައިޖީއެމްއެޗުގައި ދެ މީހުންނަށްވެސް އަންނަނީ ފަރުވާދެމުންނެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަތާ ހަފުތާއެއް ވަނީ ވެފައެވެ. އައިޖީއެމްއެޗުން މިއަދު 'ސަން'އަށް ބުނީ، ދިގުރަށުން ގެނައި ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަދި ދެ މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ނުދެއެވެ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުޘްމާން އޭރު ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މި މަހުގެ 13ވަނަ ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ. https://sun.mv/219312 އެ ހާދިސާ ފުރިހަމައަށް ތަހްގީގުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ