އެމްޑީޕީގައި އިސްކޮށް ތިބީ ދަލު ބޭރުން ޖެހިފައިތިބި ބައެއް ކަމަށް ވިދާޅުވެ، ސަރަނގު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި, އެ ޕާޓީގައި މިވަގުތު އިސްކޮށް ތިބީ ދަލު ބޭރުން ޖެހިފައިތިބި ބައެއް ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަން، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު (ސަރަނގު) ނިންމަވައިފިއެވެ. ޖަލީލަށް ތާއީދުކުރައްވަން ނިންމެވިކަން އާދަމް މަނިކު ހާމަކުރެއްވީ ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އާދަމް މަނިކު ވިދާޅުވީ، ކައުންސިލު އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން އަބަދުވެސް ސިޓީތަކުގެ މޭޔަރުންނަށް އިންތިޚާބުވަނީ އެއިރެއްގައި އޮންނަ ސަރުކާރާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ކަމަށެވެ. ވުމާއެކު، މާލެ ތަރައްގީކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ސަރުކާރާއި އިދިކޮޅު އޮންނަނީ އަބަދު ކޯޅުމުގެ ތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން މާލެ ބަގީޗާއަކަށް ހައްދަވާނެ ކަމަށް ވިދާޅުވަމުން އަންނަ ކަމަށް އާދަމް މަނިކު ވިދާޅުވެ، މާލެ "ބަގީޗާއަކަށް" ހަދައިފިނަމަ، ރައްޔިތުން އުޅޭނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. "އަޅުގަނޑުމެންނަކީ ކޮކާ މާބުރެއް ވެސް ނޫނެއް ނޫންތޯ؟ އަޅުގަނޑުމެން ބޭނުންވަނީ ރޭގަނޑު އަމާންކަމާއެކު ނިދި، އެހެންނޫންތޯ؟ މަގުމަތީގައި އަމާންކަމާއެކު ހިނގޭނެ ގޮތްގޮތް، އެކަމަކު މުޅި މާލެ މިއީ ކޮންސްޓްރަކްޝަން ސައިޓެއް، އެކަމަކާ އަޅައެއްނުލާ، ރޭގަނޑު ނުނިދިފަ އަޅުގަނޑުމެން މި ތިބެނީ،" އޭނާ ވިދާޅުވިއެވެ. ބޯހިޔާވަހިކަން ފަދަ އާންމުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެނީ ސަރުކާރުން ކަމަށް ވިދާޅުވެ، އާދަމް މަނިކު ވިދާޅުވިގޮތުގައި، ސަރުކާރާ ގުޅިފައި އޮތް ކައުންސިލަކަށް ނޫނީ މާލޭގެ މައްސަލަތައް ހައްލެއް ނުކުރެވޭނެއެވެ. މޫސާ ޢަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއްގެ ގޮތުގައި އާދަމް މަނިކު ސިފަކުރެއްވިއެވެ. މާލެއަށް ކަންކަން ކޮށްދިނުމުގެ ގާބިލުކަން އޮތީ ސަރުކާރުގައި ކަމަށާއި، އެހެންކަމުން ވެރިކަންކުރާ ޕީއެންސީނޫން އެހެން ބަޔަކު ހޮވައިފިނަމަ، މާލޭގެ ކަންކަން ހައްލެއްނުވާނެ ކަމަށް، އާދަމް މަނިކު ވިދާޅުވިއެވެ. ޖަލީލަށް ތާއީދުކުރައްވަން ނިންމެވީ ފުންކޮށް ވިސްނެވުމަށްފަހު ކަމަށް ވިދާޅުވެ، މިހާރު ވެސް އޭނާ މެންބަރުކަމުގައި ހުންނަވާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. "ތިބޭފުޅުން ދެކެވަޑައިގަންނަވާ އެމްޑީޕީއެއް މިވަގުތު ނެތް އިނގޭތޯ، އެމްޑީޕީގައި އިސްކޮށް އެ ތިބީ ދަލު ބޭރުން ޖެހިގެން އައިސް އުޅޭ ބައެއް އިނގޭތޯ، ކޮބައިތޯ ޑީއާރުޕީއަށް ނިސްބަތްނުވާ މީހަކު ދައްކަވަބައްލަވަ އިސް ސަފުން، އެހެންވީމާ އެއީ އެމްޑީޕީއެއް ނޫނޭ އިނގޭތޯ؟" އާދަމް މަނިކު ވިދާޅުވިއެވެ. އެމްޑީޕީ އެމްޑީޕީއަށް ހެދުނު ދުވަހަކުން އެ ޕާޓީގެ އިސް ސަފުން ފެންނާނެ ކަމަށް، އޭނާ ވިދާޅުވިއެވެ. އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީގައި ބާނީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި، ނަޝީދު އެ ހުންނެވީ އެމްޑީޕީން "ބޭރުކޮށްލައިފައި" ކަމަށެވެ. އާދަމް މަނިކު މާލޭ މޭޔަރުކަމަށް ވަޑައިގަތީ ފެބުރުއަރީ 26، 2011ގަ އެވެ. ނަމަވެސް ހަމަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު އޭރު އޮތް ކައުންސިލުގައި އޭނާ ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ