މި ސަރުކާރު ފައްކާވަމުން މިދަނީ ޑިކްޓޭޓާޝިޕަކާ ދިމާލަށް: އަލީ ހުސައިން މި ސަރުކާރު ފައްކާވަމުން މިދަނީ ޑިކްޓޭޓާޝިޕަކާ ދިމާލަށް: އަލީ ހުސައިން

އެޕްރީލް ހަތަރުވަނަ ދުވަހު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓު ސަރުކާރުން ކާމިޔާބުކޮށްފިނަމަ މި ސަރުކާރު ޑިކްޓޭޓާޝިޕަކަށް ބަދަލުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.
މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.
އެ ވަކާލާތު އެންމެ ހަރު އަޑުން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ ހުސައިން އަދަދު ނޫހުގެ "ފެންނަ ނުފެންނަ" ޕްރޮގްރާމްގައި ވިދާޅުވި ގޮތުގައި ސަރުކާރުން އެ ވޯޓު ކާމިޔާބުކޮށްފިނަމަ ރައްޔިތުންނަށް އޮތް އެތައް ހައްގެއް ނިގުޅައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ހިޔާލު ފާޅުކުރުން ހަނިކުރުމަށްޓަކައި ގާނޫނެއް އެ އޮތީ ފާސްކޮށްފައި. ވަރަށް ފުޅާ ދާއިރާއެއްގައި އެ ތަންފީޒު ކުރަން ފަށާނެ، ބްރޫޓަލީ. މި ސަރުކާރު ދެން ބަދަލުވެގެންދާނީ، ފައްކާވަމުން، ދޮންވަމުން ދާނީ ޑިކްޓޭޓާޝިޕަކާ ދިމާލަށް، މިހާރު ވެސް އެ ހުރީ ޑިކްޓޭޓާޝިޕްގެ ދޮންވާ ކުލަ ޖަހާފައި،" އަލީ ހުސައިން ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މާ ކުރިންސުރެ ނަގާލާފައިވާ ކަމަށާއި ކުރީ ސަރުކާރުތަކުން އެކަން ދެމެހެއްޓި ގޮތަށް މި ސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލި އެ އިޝާރާތް ކުރައްވަނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވުން މަނާކުރުމަށް އޮގަސްޓު 17، 2016 ގައި ފާސްކުރި ގާނޫނަށެވެ.
"މިއޮތް ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ލިބިފައިވާ މިނިވަންކަން ހަމަ ދުވަހަކު ހައްގަކުން ހައްގަކުން، މަދުވަމުން މަދުވަމުން، ފޭރެމުން ފޭރެމުން ދާނީ. އެއީ ވަރަށް ގޯސްކޮށް އަޅުގަނޑުމެންނަށް ނިންމޭނެ ނިންމުމެއް," އަލީ ވިދާޅުވި އެވެ.
ރެފެރެންޑަމް ހުއްޓުވައިދިނުމަށް ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލައަކީ އަލީ ހުސައިން ހުށަހެޅި މައްސަލައެކެވެ.
އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ކައުންސިލް އިންތިހާބާއި ރެފެރަންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ