ހޮރްމޫޒް ކަނޑުއޮޅީގެ ގަރާރު އިސްލާހުކޮށް، ބާރުތައް އުނިކޮށްފި

އީރާނުގެ ހަނގުރާމައިގެ ސަބަބުން ތެޔޮ އުފުލާ މައި މަގުގެ ދަތުރުފަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ހޮރްމޫޒް ކަނޑުއޮޅި އާއި އެ ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ބަހްރައިނުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ އިސްލާހްކޮށްފައިވާ ކޮޕީއެއް މެންބަރު ގައުމުތަކުގެ މެދުގައި ދައުރުކުރަން ފަށައިފި އެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ރަޝިޔާ އަދި ޗައިނާއިން ވީޓޯ ކޮށްފާނެ ކަމަށް ބެލެވޭ ބާރުގެ ބޭނުންކުރުމާ ބެހޭ މާއްދާތައް ވަނީ އުނިކޮށްފަ އެވެ.
ނަމަވެސް، އަމާންކަމާ އެކު ދަތުރުފަތުރުކުރުން ކަށަވަރުކުރުމަށްޓަކައި ހާލަތާ އެކަށީގެންވާ ހުރިހާ ވަސީލަތެއްގެ ބޭނުންކުރުމުގެ އިހްތިޔާރު ދައުލަތްތަކަށް ލިބިދޭ އިބާރާތްތައް އަދިވެސް ގަރާރުގައި ހިމެނެ އެވެ.
މީގެ އިތުރުން، ކަނޑުގެ މި މަގަށް ބަރޯސާވާ ގައުމުތަކުން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އޭގެ ތެރޭގައި މުދާ އުފުލާ ބޯޓުފަހަރަށް ހިމާޔަތްދީގެން ދަތުރުކުރުން ފަދަ ކަންކަން ހިމެނުމަށް މި ގަރާރުގައި ބާރުއަޅާފައިވެ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. ނަމަވެސް، އީރާނުން ބޯޓުފަހަރަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިހާރު މި މަގުން ކުރާ ދަތުރުފަތުރުތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
އިސްލާހުކުރި ގަރާރާ މެދު އަދިވެސް މަޝްވަރާ ކުރަމުން އަންނައިރު، މި ހަފުތާގެ ފަހުކޮޅު މި ގަރާރަށް ވޯޓަށް އެހުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ