ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހައަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މިފުރުސަތު ހުޅުވާލިކަން ހާމަކުރީ، އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވެވި ރަސްމިއްޔަތެއްގައެވެ.
މިފުރުސަތު ހުޅުވާލިކަން ހާމަކުރަމުން، ހައަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ، ލޯނު ނަގައިގެން ފުރިހަމަ ކުރެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތައް ކަމަށެވެ. މީގެ އިތުރުން، ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނު ދިނުމަށް ވެސް ފުރުޞަތުތައް ވަނީ ހުޅުވާލާފަ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހައަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރުވަނީ ސަރުކާރުން ލޯނަށް އެދި ހުށައެޅުމުގައި ގެނެސްފައިވާ މުހިއްމު ބަދަލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލެއްކަމަށް މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދޫކުރާ ލޯން ސްކީމްގެ މަދުވެގެން %50 އަކީ ޓެކްނިކަލް ދާއިތަކަށް ދެވޭ ލޯނަށް ހެދުމަށް ނިންމާފައިވާ ނިންމުންކަށެވެ. ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ ޢަދަދު ވަކި މިންވަރެއްގައި ހިފަހައްޓާ، ޤައުމަށް ބޭނުންވާ މުހިއްމު ޓެކްނިކަލް ދާއިރާތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު ހުޅުވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައް ކަމަށް ފާހަގަކުރެވިފައިވާ ނޭޝަނަލް ޓްރޭނިންގ ނީޑްސް ލިސްޓްގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތައް ހިމެނެއެވެ. އަދި، މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުންދާ ޕްރޮގުރާމް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ކަމަކާހުރެ ޕްރޮގުރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީ އެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތު ވެސް ހިމެނެ އެވެ. އަދި ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތު ވެސް ވަނީ ހިމަނާފައެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އަލަށް ކިޔަވަން ފަށަން ޤަސްތުކުރާ ދަރިވަރެއް ނަމަ، ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ވާނީ ކިޔަވަން ފަށަން ތައްޔާރުވެފައި ކަމަށާއި އެހެންކަމުން، ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް އަދި ފީގެ ތަފްސީލް ހުށަހެޅުމަށް މިނިސްޓްރީ އިން އިލްތިމާސްކުރެއެވެ. މިބަދަލު ގެނެވިފައިވަނީ އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި، ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެން ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ކަމަށް މިނިސްޓްރީއިން ބުނެއެވެ.
ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އޮންލައިން ޕޯޓަލް https://kuri.gov.mv މެދުވެރިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ލިޔުމަކާއެކުގައިއެވެ.
މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ