ހަނަފަސް ސަހަރާއެއް ދުނިޔޭގެ އެންމެ އުހަށް: "މި ކަހަލަ ވެރިއެއް ލިބޭނެ ނަމަ"

އަހަރަކު 100 މިލިއަނަށް ވުރެން ގިނަ މީހުން ޒިޔާރަތް ކުރާ, ދުބާއީ މޯލްގެ ތެރެއިން ހިނގަމުން ގޮސް, އެޕަލް ސްޓޯރާ ދިމާލުން ބޭރަށް ނުކުތްއިރު އެ ފެނުނު, ދުނިޔޭގެ އެންމެ އުސް އިމާރާތް, ބުރުޖު ޚަލީފާ އަކީ ހުރިހާ ދިވެހީން ވެސް ދަންނަ, އަދި އެތައް ހާސް ދިވެހީންނެއް ހަމަ ލޮލަށް ދެކެފައިވާ ތަނެކެވެ. ހަމަ އެކަނި އެ އިމާރާތެއް ނޫނެވެ. މިއަދު ދުބާއީގެ ތެރޭގައި ހިނގާލަނިކޮށް އެ ފެންނަ ޕޯޓްތަކާއި މަގުތަކާއި މެޓްރޯ އާއި ޓްރޭޑް ޒޯންތަކުން ފެށިގެން މީހުން ހައިރާން ކުރުވަނިވި އެތައް ތަރައްގީއަކީ މިއަދު ގިނަ ބަޔަކު ފަރިތަ ތަންތަނެވެ. އެކަމަކު ހިތަށް ހައިރާންކަން ލިބެނީ މި ތަނުގެ މާޒީއާ މެދު ވިސްނާލުމުންނެވެ. އޭރު އެއްވެސް ގުދުރަތީ ވަސީލަތެއް ފެނިފައި ނުވާ ހަނަފަސް ސަހަރާއަކަށް ގެނެސްފައިވާ މުޅި ދުނިޔެ ހައިރާން ކުރުވި މި ބޮޑު ބަދަލުގެ ފަހަތުގައި ވަނީ އިހުލާސްތެރި ވެރިއެކެވެ. މީގެ 75 އަހަރު ކުރިއަށް ނުވަތަ 1950ގެ ކުރިއަށް ބަލާއިރު ދުބާއީއަކީ މަސްވެރިކަމާއި އާދައިގެ ޓްރޭޑިންއަށް ބަރޯސާވެފައިވާ އަވަށެކެވެ. މި ތަނުގައި އޭރު މާ ބޮޑު އިންފްރާސްޓްރަކްޗާއެއް ނެތެވެ. އަބޫދާބީ ފަދައިން ތެޔޮ ފެނިފައި ނެތްއިރު ޒަމާނީ ސިޓީއެއް ތަރައްގީ ކުރުމުގެ ޕްލޭނެއް ވެސް އޭރަކު ނެތެވެ. މިކަންކަން ބަދަލު ވާން ދުބާއީއަށް ލިބުނު ނަސީބަކީ, ޝެއިހް ރާޝިދު ބިން ސައީދު އާލް މަކްތޫމް މި ސިޓީގެ ވެރިއަކަށް ހަވާލުވުމެވެ. އެއާއެކު ހަމައެކަނި ލިބޭ އެތިކޮޅުން ފުއްދާލައިގެން ތިބޭ ބަޔަކަށް ވުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނައިގެން, ހިސާބު ޖަހައިގެން ތަރައްގީ ކުރާ ތަނަކަށް ދުބާއީ ހެއްދެވުމަށް އަމާޒު ހިއްޕެވިއެވެ. މި މަސައްކަތް ފެއްޓެވިއިރު މިއީ ތެޔޮ ފެނިފައިވާ ތަނެއް ނޫނެވެ. އޮތީ ހަމައެކަނި ވަރުގަދަ އަޒުމަކާއި އިހުލާސްތެރި ކަން އެކަންޏެވެ. އޭގެ ފަހުން ޕްލޭނާއި ހިސާބުތަކެވެ. ކުރީގެ ދުބާއީ: އެއީ މަސްވެރިކަމަށް ބަރޯސާވެފައި އޮތް އިގްތިސާދެއްދުބާއީގެ ވިޝަނަރީ ލީޑަރު, މަކްތޫމަށް ފެނިވަޑައިގެންނެވި މަންޒަރަކީ ހަނަފަސް މި ސަހަރާ ދުނިޔޭގެ ޓްރޭޑް ހަބަކަށް ހެއްދެވިދާނެ ކަމެވެ. އެ އަމާޒުގައި ވަރުގަދަ ނިންމުންތަކެއް ނިންމަވަމުން, ކުރިމަތިވެވަޑައިގެންނެވި ބޮޑެތި ހުރަސްތައް ނައްތާލައްވަމުން ކުރިއަށް ވަޑައިގަންނަވަމުން ގެންދަވަނިކޮށް ދެން ލިބިވަޑައިގެންނެވި ނަސީބަކީ 1966 ވަނަ އަހަރު ދުބާއީއިން ތެޔޮ ފެނުމެވެ. މި އަގު ބޮޑު ނަސީބު ލިބުމުން ހަމައެކަނި ތެލަށް ބަރޯސާވުމުގެ ބަދަލުގައި މަކްތޫމު އިސްކަން ދެއްވީ ތެލުން ލިބޭ އާމްދަނީ ސިޓީގެ ތަރައްގީއަށް އިންވެސްޓް ކުރެއްވުމަށެވެ. އެގޮތުން އެ ފައިސާއިން އެންމެ ޒަމާނީ ފެންވަރުގެ މަގުތަކާއި ޕޯޓްތަކާއި ސްކޫލުތަކާއި ހޮސްޕިޓަލްތައް ބިނާކުރެއްވެވިއެވެ. ތެލުން ލިބުނު ފައިސާ އިސްރާފެއް ނުކުރައްވަވައެވެ. އޭގެ ބަދަލުގައި އެ ފައިސާ މުޅިންހެން ބޭނުން ކުރެއްވީ ދުރުމުސްތަގުބަލުގެ ތަރައްގީއަށް އިސްކަން ދެއްވައިގެންނެވެ. ހިސާބު ޖައްސަވައިގެން, އަމާޒެއް އޮވެގެން މަސައްކަތް ކުރެއްވުމުގެ ނަތީޖާއަކީ މިއަދު ދުބާއީ މި ހިސާބަށް އާދެވުމެވެ. މިއަދު ދުބާއީއަކީ ބައިނަލްއަގުވާމީ އެންމެ ވަރުގަދަ އެއް ޓްރޭޑް އަދި ލޮޖިސްޓިކް ހަބެވެ. ހަމައެކަނި ކަނޑެއް ނޫނެވެ. ވައިގެ ދަތުރުފަތުރަށް ބެލިނަމަ ވެސް ދުބާއީއަކީ މިއަދު ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކަނެކްޓިވިޓީ ހަބެވެ. އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް މި ސިޓީއަށް އެބަ އާދެއެވެ. މިތަނުގައި އޮތީ އެންމެ ވައްތަރެއްގެ ޓޫރިޒަމެއް ނޫނެވެ. ވިޔަފާރި ކުރަން ވިޔަސް އާއިލާއާއެކު ވިޔަސް, އެންމެ ލަގްޒަރީ ޓޫރިޒަމަށް ވިޔަސް ދުބާއީ އޮތީ ވަރަށް ކުރީގައެވެ. މިއީ ގިނަ ވައްތަރުތަކުގެ ވިޔަފާރިތަކަށް ފަހި ފުރުސަތެއް އޮތް, އަދި ފުރުސަތުތައް ފަހި ކުރަމުން އަންނަ ސިޓީއެކެވެ. ފައިނޭންސް އާއި ރިއަލްއެސްޓޭޓާއި މިހެން ގޮސް ޕްރޮފެޝަނަލް އެތައް ވިޔަފާރިއަކަށް މިތަނުގައި ފުރުސަތު އެބައޮތެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އިވެންޓްތައް ބާއްވަން ވިޔަސް މިހާރު ލިސްޓްގެ އެންމެ ކުރީގައި އޮތީ ދުބާއީއެވެ. މި ހަނަފަސް ސަހަރާއަށް ގެނެސްފައިވާ މި ތަރައްގީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވަނީ މިތަނަށް ނިސްބަތްވާ ރައްޔިތުންނަށެވެ. އެ ރައްޔިތުންނަށް ހިލޭ ނުވަތަ ވަރަށް ބޮޑަށް ދައުލަތުން ސަބްސިޑައިޒް ކޮށްގެން ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދެއެވެ. ލޯނު ބޭނުންވެއްޖެ ނަމަ ވަރަށް ކުޑަ އިންޓްރެސް ރޭޓެއްގައި އެކަން ހަމަޖެހެއެވެ. އެންމެ ޒަމާނީ ފެންވަރުގެ ސިއްހީ ފަރުވާ ހިލޭ ލިބެއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފެންވަރުގެ ތައުލީމު މި ގައުމުންނާއި އެހެން ގައުމުތަކުން ވެސް ހިލޭ ލިބެއެވެ. ބޮޑެތި މުސާރަތަކާއެކު ވަޒީފާގެ ކަށަވަރުކަން ކޮންމެ ރައްޔިތަކަށް އޮތީ ލިބިދީފައެވެ. ކައިވެނި ކުރުމުން އާއިލާ ބިނާ ކުރަން އެކިއެކި އެހީތައް ދިނުމުގެ އިތުރުން ފެނާއި ކަރަންޓް ފަދަ ޚިދުމަތްތަކުން ވެސް މިތަނުގެ ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ދީފައެވެ. މިހެން ގޮސް ހަމަޖެހިގެން ދިރިއުޅެލަން ބޭނުންވާ ހުރިހާ ކަމެއްހެން ސަރުކާރުން މަގުފަހިކޮށްދެއެވެ. ޝެއިހް ރާޝިދު ބިން ސައީދު އާލް މަކްތޫމް މި ހަނަފަސް ސަހަރާއަށް ދުބާއީގެ ލީޑަރު މި ބޮޑު ބަދަލު ގެންނެވީ އިހުލާސްތެރިކަމާއެކު ކުރެއްވި ބުރަ މަސައްކަތުންނެވެ. ކަންކަން ކުރެއްވީ ދުރުމުސްތަގުބަލަށް ހިސާބު ޖައްސަވައިގެންނެވެ. އަޑުއެއްސެވީ ކަންކަމުގެ ތަޖުރިބާކާރުންގެ ލަފައެވެ. ސިޔާސީންގެ ލަފައެއް ނޫނެވެ. އަދި ކަންކަން ނިންމެވުމުގައި މީހުންގެ ތާއީދު ހޯދެއްވުމަށް ވުރެން އިސްކަން ދެއްވީ އެންމެ ރަނގަޅު ގޮތަށް ކަންކަން ނިންމެވުމަށެވެ. ރާއްޖެއަށް އެތައް ފިލާވަޅެއް އެންމެ ހަތަރު ލައްކަ ދިވެހީން ހަމަ ނުވާ މި ކުޑަކުޑަ ރާއްޖެއަކީ ވެސް އެތައް ނަސީބެއް ލިބިފައިވާ ގައުމެކެވެ. ރާއްޖެއަކީ ގުދުރަތީ ވަސީލަތް މަދު ގައުމެއް ކަމަށް އެތައް އަހަރުތަކެއް ވަންދެން ވެރިން ރައްޔިތުންނަށް ވިސްނައިދިން ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ރާއްޖެ މި އޮތް ސަރަހައްދަށް އެކަނި ބެލި ނަމަވެސް ދިވެހީންނަށް ހޯދޭނެ އެތައް ނަސީބެއް އެބައޮތެވެ. https://www.sun.mv/213657 ޓޫރިޒަމަކީ ދިވެހީންގެ ނަސީބެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖެއަށް ރަނގަޅު ވަރެއްގެ އާމްދަނީއެއް އެބަލިބެއެވެ. ދިގު ވެރިކަންތަކާއި ކުރު ވެރިކަންތަކެއް ދިވެހީން ދެކެފިއެވެ. ނަމަވެސް ހިތާމައަކީ އެންމެ އަންނަން ޖެހޭ ކުރިއެރުން ގައުމަށް ނާންނަ ކަމެވެ. މި ކުޑަ އާބާދީގެ ބޮޑު ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް އަދި ނުލިބެއެވެ. ތައުލީމާއި ސިއްހީ ޚިދުމަތުގެ ފެންވަރު ވެރިރަށް މާލޭގައި ވެސް އެހާމެ ދަށެވެ. ތަކެތީގެ އަގުތައް އުފުލެނީއެވެ. ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ އެ މަހަކު ލިބޭ އެއްޗަކުންނެވެ. ނޫނީ ދަރައި ވިކިގެންނެވެ. ގައުމުގެ ހާލަތަށް ބަލާއިރު އިގްތިސާދު ބަރޯސާވެފައި އޮތީ ހަމައެކަނި ޓޫރިޒަމަށެވެ. އިތުރު އެއްވެސް އެހެން ބޮޑު ފައިދާއެއް ލިބޭ އިންޑަސްޓްރީއެއް ނެތެވެ. ބޭރު ގައުމުތަކުން ދަރަނި މައްޗަށް ދަރަނި ނަގައިނަގައި ގައުމު މިއޮތީ ދަރައި ވިކިފައެވެ. ބޯހިކެން ނެތެވެ. ގައުމު ތަރައްގީ ކުރުމުގެ ޕްލޭނެއް ނެތެވެ. އަމާޒެއް ނެތި ދުއްވާ އޮޑިއެކޭ އެއްފަދައެވެ. ކޮންމެ ސަރުކާރަކާއެކު ސިޔާސަތުތައް 180 ޑިގްރީއަށް އެބަ ބަދަލުވެއެވެ. އެއް ބަޔަކު ޖަޒީރާއެވެ. އަނެއް ބަޔަކު އެއް ފަސް ކުރުމެވެ. އެއެއް މިއެއް ބެލުމެއް ނެތި އެއާޕޯޓް ހަދައިފާނެއެވެ. ނޫނީ ފަޅު ހިއްކަފާނެއެވެ. މީގެ ނަތީޖާއަކީ އިސްރާފު ބޮޑުވުމާއި ތަރައްގީ ނުވުމެވެ. މި ރާއްޖޭގައި ކޮރަޕްޝަން އޮތީ އިންތިހާއަށެވެ. ކޮންމެ މީހަކު ވެސް ބަލަނީ އެ މީހަކަށް ލިބުނު މުއްދަތުގެ ތެރޭގައި ހޯދުނު ގޮތަކަށް ތަނަވަސްކަން ހޯދޭތޯއެވެ. ގައުމުގެ ސިޔާސީ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަނީ ގާބިލު ކަމަށް ބަލައިގެނެއް ނޫނެވެ. ސިޔާސީ ބޭނުމަށް އިއްޔެ ވެސް މިއަދު ވެސް ކުރާ އިސްރާފަށް ހުއްޓުމެއް ނެތެވެ. އިހުލާސްތެރި ވެރިއެއް ލިބިއްޖެނަމަ މި ރާއްޖެ ތަރައްގީ ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެންމެ ހަތަރު ލައްކަ ވެސް ހަމަ ނުވާ އާބާދީއަކަށް ވުމާއި ބޭނުން ނުކުރެވި އެތައް ނަސީބެއް އޮތީތީއެވެ. ރާއްޖެއަށް ބޭނުން ވަނީ ހަމައެކަނި ސިޔާސީ މަގުބޫލުކަމަށް އެކަނި ވިސްނައިގެން ކަންކަން ކުރުން ހުއްޓާލާއި ގައުމު ތަރައްގީ ކުރާނެ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމެވެ. ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަން ޖެހެއެވެ. ޓޫރިޒަމުން ނަފާ ހޯދަމުން އެހެން އިންޑަސްޓްރީތަކަށް ވަންނަން އެބަޖެހެއެވެ. އެގޮތަށް ވަދެވޭނެ އެންމެ ރަނގަޅު އެއް ދާއިރާއަކީ ރާއްޖެ މިއޮތް ލޮކޭޝަންގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ރާއްޖެ މިއޮތީ އެތައް އާގު ބޯޓެއް ކޮންމެ ދުވަހަކު ދަތުރު ކުރާ މާ ސިންގާ ކަނޑެއްގެ މެދުގައެވެ. މި ނަސީބުގެ ބޭނުން ހިފިއްޖެނަމަ ރާއްޖެއަށް ބިލިއަނުން އާމްދަނީ ހޯދެން އެބައޮތެވެ. https://www.sun.mv/208965 ނަމަވެސް އެކަން ވާނީ ކޮރަޕްޓް ސިޔާސީ މީހުން ދޫކޮށް, ގައުމުގެ ކަންކަމުގައި ބަސްބުނެ, ގޮތް ނިންމާ މަގާމުތަކަށް ތަޖުރިބާކާރު, އިލްމާއި ހިލްމު ހުރި މީހުން ގެނެސްގެންނެވެ. ހަމައެކަނި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ޓަކައި އެކިއެކި ނިންމުންތައް ނިންމާ ވެރިންގެ ބަދަލުގައި ގައުމަށް އެންމެ ރަނގަޅު ގޮތް ބަލައި އެ ގޮތަކަށް އަމަލު ކުރާ ވެރިން ލިބިގެންނެވެ. ދުބާއީ ބުނެދޭ ހަގީގަތަކީ ތަނެއް ތަރައްގީ ކުރަން އެންމެ މުހިންމީ އިހުލާސްތެރި ވެރިއެއް ކަމެވެ. ދުބާއީގެ ނަސީބަކީ އެއީއެވެ. ހަނަފަސް ސަހަރާއަކުން މިއަދު މި ސިޓީ ވެފައި މިއޮތީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްތަނަށެވެ. މިތަން ފެނި, ކުރެވުނު ތަޖުރިބާގައި އަބަދުވެސް ހިތަށް އަރަމުން ދިޔައީ އެއް ކަމެކެވެ. ރާއްޖެއަށް ވެސް މިފަދަ އިހުލާސްތެރި ވެރިއެއް ލިބޭނެ ނަމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ