ބަގުދާދު، އިރާން (މާޗް 12) - އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމުމާ އެކު، ފީފާ އިން އެ ޖާގަ އިޓަލީ އަށް ދީފާނެ ކަމަށް ބެލެވޭ ކަމަށް އިރާގުގެ އެސިސްޓަންޓް ކޯޗު، ރެނޭ މިއުލެންސްޓީން ބުނެފި އެވެ.
ޖޫން 12، ގައި ފަށާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ.
އިރާނުން މި ގޮތަށް ނިންމާފައިވަނީ ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، އެމެރިކާގައި އިރާނު ޓީމަށް މެޗުތައް ކުޅުމުގައި ދަތިތަކެއް ދިމާނުވާނެ ގޮތަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
އިރާނުން ވޯލްޑް ކަޕްގައި ކުޅެން އޮތީ ގްރޫޕް ޖީގައި ބެލްޖިއަމް، ނިއު ޒީލެންޑް އަދި މިސްރާ އެކުގަ އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ފަސްޓް ޓީމު ކޯޗަކަށް އަދި އޮސްޓްރޭލިއާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މިއުލެންސްޓީން ބުނީ، ހަގީގަތުގައި އިރާނުގެ ބަދަލުގައި ދެން އެ ޖާގަ އެހެން ޓީމަކަށް ދޭނަމަ ދޭން ޖެހޭނީ އޭޝިއާގެ ޓީމަކަށް ކަމަށެވެ. އެ ގޮތުން، މި ވަގުތަށް ބަލާއިރު، އޭޝިއާ އިން އެންމެ ރޭންކިން ރަނގަޅު ޓީމުގެ ގޮތުގައި އޮތް އިރާގަށް އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ފެންނަ ކަމަށް މިއުލެންސްޓީން ބުނެފައިވެ އެވެ.
"އަހަރެމެންނަށް އެ ޖާގަ ލިބިފައި، ޕްލޭއޮފްގައި އަހަރެމެން ކުޅެން އޮތް މެޗުގެ ފުރުސަތު ލިބެންވީ ޔޫއޭއީ އަށް. އެކަމަކު، އެބަ އިވޭ އަޑުތަކެއް ފީފާ އިން މި ކަމުގައި ގޮތް ނިންމަން ލިބޭ ފުރުސަތުގައި، އެ މީހުން ވިސްނަފާނެ ކަމަށް ވޯލްޑް ކަޕް ނުކުޅޭ ގައުމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމަކަށް ފުރުސަތު ދޭން، މާނަަ އަކީ އިޓަލީއޭ އިރާންގެ ޖާގަ އަށް ވަންނާނީ،" މިއުލެންސްޓީން ބުންޏެވެ.
އޭނާ ބުނީ، ހަތަރު ފަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައި އޮތް ޓީމަކަށް ވޯލްޑް ކަޕް ޖާގަ ދެވެން އޮތްނަމަ ފީފާ އިން އެ ގޮތަށް ނިންމަން ފަސް ނުޖެހޭނެ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވެސް ޕްލޭއޮފްގައި ކުޅެން ޖެހިފައިވާ އިޓަލީން ޕްލޭއޮފްގައި ފުރަތަމަ ކުޅެން ޖެހޭނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ވޯލްޑް ކަޕްގެ ޖާގަ އަކަށް ޕްލޭއޮފްގެ ޕެތު އޭގެ ފައިނަލުގައި ކުޅެން ޖެހޭނީ، ވޭލްސް އާއި ބޮސްނިއާ ތެރެއިން ޓީމަކާ އެވެ. ޕްލޭއޮފް މެޗުތައް އޮތީ މި މަހު ފަހުކޮޅުގަ އެވެ.
"އިރާންގެ ވޯލްޑް ކަޕް ޖާގަ އިޓަލީ އަށް ދީފާނެ" "އިރާންގެ ވޯލްޑް ކަޕް ޖާގަ އިޓަލީ އަށް ދީފާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ