ގައުމީ ޤުރްއާން މުބާރާތަށް ހުޅުވާލައިފި

މި އަހަރު ބާއްވާ 38 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ކުރީގެ އަހަރުތަކާ ޚިލާފަށް މި އަހަރު ޤައުމީ ޤުރްއާން މުބާރާތް ބާއްވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރަކީ މުބާރާތައް ބައިވެރިން ހޮވަން ބާއްވާ އޮޑިޝަން ބުރެ އެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 18 އެވެ.
މި އަހަރުގެ މުބާރާތަށް ގެނައި ބަދަލާއެކު ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ.
މުބާރާތް ދެން ކުރިއަށް ގެންދަން ނިންމާފައިވާ ތިން ބުރަކީ އޮޑިޝަން ބުރާއި މުބާރާތުގެ ސެމީ ފައިނަލް ބުރުގެ އިތުރުން
މުބާރާތުގެ ފައިނަލް ބުރެވެ.
އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާ ނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅު ތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގަ އެވެ.
ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.
ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ. ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ޢުމުރުފުރާތައް:
* 6 އަހަރުން ދަށް
* 8 އަހަރުން ދަށް
* 10 އަހަރުން ދަށް
* 12 އަހަރުން ދަށް
* 14 އަހަރުން ދަށް
* 16 އަހަރުން ދަށް
* 20 އަހަރުން ދަށް
* 26 އަހަރުން ދަށް
* ހާފިޒުންގެ ބައި
މުބާރާތުގެ ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ