މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ ޓީމަކުން ވަނީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއަޅައި ނިމިފައިވާ ގޮތް މިއަދު ބައްލަވާލައްވާފައެވެ.
މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތަކަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ސަބަބުން މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މި މަޝްރޫއުގެ ތެރެއިން ވަނީ އާ ފެންހިންދާ ނިޒާމެއްވެސް ގާއިމުކޮށްފައެވެ. މި ބަދަލުތަކާއެކު މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރި އަދި ވަރުގަދަ އުމްރާނީ ވަސީލަތެއް ކަށަވަރުވެގެންދާނެ ކަމަށް ވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ އުމްރާނީ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ