މާލޭ ބާޒަރު މަތީ ސަރަހައްދުގެ ބޮޑު ތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި ނިންމައިފި އެވެ. އެއާ އެކު މަގު ހުޅުވާލަން ކުރަން ޖެހޭ މަސައްކަތް އަންނަ އާދިއްތަދުވަހަށް ނިންމާލަން މިހާރު އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގުގެ ބައެއް ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އަދި ޑިސެމްބަރުގައި ނޯތު ހާބަރާ ހަމައަށް އޮތް ދެ ވަނަ ސެގްމެންޓްގެ މަސައްކަތް ފެށި އެވެ.
ތަފްސީލު - އެމްޓީސީސީން ވަނީ ރޭ ނޯތު ހާބަރާ ހަމައަށް ތާރު އަޅައި ނިންމައި، ބައެއް މީޑިއާތައް އެ ސަރަހައްދަށް ގެންގޮސް މައުލޫމާތު ދީފަ އެވެ. އެގޮތުން އެމްޓީސީސީގެ އޮފިޝަލު ވިދާޅުވި ގޮތުގައި:
މަގު ހުޅުވާލަން މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތް؛ އޭގެ ތެރޭގައި ލައިޓް ހަރުކުރުމާއި މަގު ކުރެހުން ހިމެނޭ
މީގެ ކުރިން ވެސް އަމާޒުކުރި ގޮތަށް ރޯދައިގެ ކުރިން މަގު ހުޅުވާލަން 24 ގަޑިއިރު އަންނަނީ މަސައްކަތްކުރަމުން
"އަޅުގަނޑުމެންގެ އުންމީދަކީ، މި މަހު 15އަށް [އަންނަ އާދިއްތަ ދުވަހަށް] މަގުގެ ހުރިހާ މަސައްކަތްތައް ނިންމާލައި، ރޯދައިގެ ކުރިއަށް އާންމުންނަށް ހުޅުވާލުން،" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ އަންނަ ހަފްތާގެ ބުދަދުވަހު އެވެ.
ދެވަނަ ސެގްމެންޓްގެ ބައެއް މަސައްކަތް:
260 މީޓަރުގައި ތާރު އަޅާފައިވޭ
14 މީޓަރަށް މަގު ފުޅާކޮށްފައިވޭ
ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް ހަ މީޓަރު ބޭރަށް ޖައްސާފައިވޭ
ނޯތު ހާބަރާ ހަމައަށް ތާރު އަޅައިފި، އާދީއްތައަށް މަގު ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ