ފޭކް ޒޫމް މީޓިންތަކާއި އޭއައި ބޭނުންކޮށްގެން ސްކޭމް ހިންގަނީ

ނޯތު ކޮރެއާގެ ހެކަރުން ކްރިޕްޓޯކަރަންސީ އަދި ޑީސެންޓްރަލައިޒްޑް ފައިނޭންސް ދާއިރާގެ އިސްވެރިންނަށް އަމާޒުކޮށްގެން، އޮޅުވާލައިގެން ފައިސާ ވަގަށް ނެގުމުގެ ބޮޑު ސްކޭމެއް ހިންގަމުންދާކަން ހާމަވެއްޖެއެވެ. ގޫގުލްގެ ދަށުން ހިންގާ ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ މެންޑިއަންޓުން ހާމަކުރި ގޮތުގައި، "ޔޫއެންސީ1069" ނަމަކަށް ކިޔާ މި ހެކަރުންގެ ގްރޫޕުން ބޭނުންކުރަނީ "ކްލިކްފިކްސް" ނަމަކަށް ކިޔާ އުކުޅެކެވެ. މި އުކުޅުގައި ހެކަރުން އެންމެ ފުރަތަމަ މީހުންނާ ގުޅަނީ ހެކްކޮށްފައިވާ ޓެލެގްރާމް އެކައުންޓްތައް މެދުވެރިކޮށެވެ. https://sun.mv/217814 އޭގެ ފަހުން، ވިޔަފާރީގެ ބައްދަލުވުމަކަށް ދައުވަތުދީ ފޭކް ޒޫމް ލިންކެއް ފޮނުވައެވެ. މި ލިންކަށް ފިތާލުމުން ސިސްޓަމަށް ނުރައްކާތެރި މެލްވެއާ ވަދެއެވެ. ދެން އޭގެފަހުން މި ބައްދަލުވުންތަކުގައި، ޝިކާރައަކަށްވާ މީހާގެ އިތުބާރު ހޯދުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ޑީޕް ފޭކް" ވީޑިއޯތައް ދައްކައެވެ. މީގެ ސަބަބުން، އެއީ އަސްލު ބައްދަލުވުމެއް ކަމަށް ހީކޮށް ގިނަ ބަޔަކު މި މަޅީގައި ޖެހެއެވެ. މެންޑިއަންޓްގެ ރިޕޯޓުގައިވާ ގޮތުން، ހެކަރުން ގެންދަނީ "ސައިލެންސްލިފްޓް، ޑީޕް ބްރީތު"، އަދި "ކްރޯމްޕުޝް" ފަދަ ނުރައްކާތެރި ހަތް ބާވަތެއްގެ ސޮފްޓްވެއާ ބޭނުންކޮށްގެން މީހާގެ ލޮގިން ތަފްސީލާއި، ބްރައުޒާ ޑޭޓާ އަދި އެހެނިހެން މުހިންމު މައުލޫމާތު ވަގަށް ނަގަމުންނެވެ. އަދި ސިސްޓަމްގެ ކޮންޓްރޯލް ހޯދުމަށްފަހު، ޕާސްވޯޑްތައް ބަދަލުކޮށް އަސްލު ވެރިމީހާއަށް އެކައުންޓަށް ނުވަދެވޭ ގޮތް ހަދައެވެ. https://sun.mv/217701 މިފަދަ ހާދިސާއެއް ދާދި ފަހުން ވަނީ ބްލޮކްޗެއިން ކުންފުންޏެއް ކަމަށްވާ "ހޭޝްޑް" ގެ ފައުންޑިންގް ޕާޓްނަރު ރަޔަން ކިމްއަށް ވެސް ދިމާވެފައެވެ. އޭނާ ހާމަކުރި ގޮތުގައި، ޒޫމްގެ "އެސް.ޑީ.ކޭ" އަޕްޑޭޓް ކުރަން ބުނެ އޮޅުވާލައިގެން ފޮނުވި ލިންކެއްގެ ސަބަބުން އޭނާގެ ޓެލެގްރާމް އެކައުންޓްގެ ކޮންޓްރޯލް ހެކަރުން ވަނީ އަތުލާފައެވެ. އަދި އޭނާގެ އެކައުންޓުގައި ހުރި "ޓޫ-ފެކްޓާ އޯތެންޓިކޭޝަން" ވެސް ހެކަރުން ވަނީ ބައިޕާސްކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހެކަރުންގެ ގްރޫޕުން ދަނީ ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލް ބޭނުންކޮށްގެން، ޝިކާރައަކަށް ހަދާނެ މީހުން ދިރާސާކުރުމާއި ހަމަލާތައް ރޭވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ކްރިޕްޓޯ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ޒޫމް ފަދަ އެޕްލިކޭޝަންތައް އަޕްޑޭޓް ކުރާއިރު ރަސްމީ ވެބްސައިޓްތައް ބޭނުންކުރުމަށް ސައިބާ ސެކިއުރިޓީ މާހިރުން އިލްތިމާސްކުރެއެވެ. މިފަދަ ނުރައްކާތެރި ސްކޭމްތައް ރާއްޖޭގައި ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިސާލަކަށް، ގާތް ރަހުމަތްތެރިއެއް ނުވަތަ އާއިލާ މީހެއްގެ ހެކްކޮށްފައިވާ ޓެލެގްރާމް އެކައުންޓަކުން "މުބާރާތެއްގައި ބައިވެރިވުމަށް" ނުވަތަ "ވޯޓެއް ދިނުމަށް" ބުނެ ފޮނުވާ ލިންކުތަކަކީ ރާއްޖޭގައި މިހާރު ވަރަށް އާންމުކޮށް ހިންގާ ސްކޭމެކެވެ. މިފަދަ ލިންކަކަށް ފިތާލުމާއެކު އަމިއްލަ ޓެލެގްރާމް އެކައުންޓްގެ ކޮންޓްރޯލް ގެއްލި، އެ އެކައުންޓް މެދުވެރިކޮށް އެހެން މީހުންގެ އަތުން ފައިސާއަށް އެދުމާއި، ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ވަގަށް ނެގުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ކިތަންމެ ގާތް މީހަކު ފޮނުވި ނަމަވެސް، ޝައްކުކުރެވޭ ފަދަ ލިންކުތަކަށް ނުފިތުމަށާއި ސައިބާ ސެކިއުރިޓީއަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ