ފްލެޓްތައް ގޮނޑުކުރުން އާންމުވެފައިވަނިކޮށް ޑަސްބިން ބަހައްޓައިފި، ފޮށިގަނޑުފަދަ ތަކެތި އެޅުން މަނާ
ހުޅުމާލޭގެ ޕްލެޓުތައް ގޮނޑުކުރުން އާންމުވެފައި ވަނިކޮށް ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއިން ފްލެޓުތަކުގައި ޑަސްބިން ބަހައްޓައިފިއެވެ. އެފްޑީސީއިން މިއަދު ވަނީ، 32 ޓަވަރެއްގައި އާންމު ގޭބިސީއިން ކުނި އުކާލުމަށް ބޭނުންކުރާނޭ ޑަސްބިންތައް ބަހައްޓާފައެވެ. އަދި އެ ޑަސްބުންތަކަކީ ހަމައެކަނި އާންމު ގޭބިސީތަކުން ކުނިއެޅުމަށް ހާއްސަކޮށްފައިވާ ޑަސްބިންތަކަކަށް ވާތީ ފުޅިމަދާއި ކާޑުބޯޑު ފޮށީގެ އިތުރުން އާންމު ގޭބިސީގެ ކުނީގެ ގޮތުގައި ނުބެލެވޭ އެއްވެސް ބާވަތެއްގެ ކުނި އެ ޑަސްބިންތަކަށް އެޅުމަކީ މަނާކަމެއް ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ. އެފްޑީސީގެ ޓަވަރުތަކުގައި އާންމު ގޭބިސީތަކުން ކުނި އުކާލުމަށް ބަހައްޓައިފައިވާ ޑަސްބިންތައް-- ފޮޓޯ: އެފްޑީސީ އެހެންކަމުން އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއިން ވަނީ ނަސޭހަތްތެރިވެފައެވެ. އެފްޑީސީގެ ޓަވަރުތަކުގައި އާންމު ގޭބިސީތަކުން ކުނި އުކާލުމަށް ބަހައްޓައިފައިވާ ޑަސްބިންތައް-- ފޮޓޯ: އެފްޑީސީ ހުޅުމާލޭގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުނި ބެހެއްޓުމަކީ މިހާރު އާންމު ކަމަކަށް ވެފައިވާ ބޮޑު މައްސަލައެކެވެ. ވަކިން ހާއްސަކޮށް ރޯދަމަހަށް ތައްޔާރުވަމުން އަންނަ މި ދުވަސްވަރު، ގޭގެއިން ސާފުކުރުމަށްފަހު ނެރޭ ކުނިބުނި މަގުގެ އެކި ސަރަހައްދުތަކުގަޔާއި ކަންކަންމަތީގައި ބެހެއްޓުމަކީ އާންމުކަމެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ޓަވަރުގެ ސަރަހައްދުތަކަށް ކުނި އަޅައިގެން މިހާތަނަށް ދެ މީހަކު ޖޫރިމަނާކޮށް، ޖުމުލަ 8000 ރުފިޔާ ދައްކަން ވަނީ އަންގައިފައެވެ. 'ސަން'އަށް މައުލޫމާތު ދެއްވަމުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ، ދެ މީހުން ޖޫރިމަނާކުރީ ފަހި ޓަވަރުގެ ސަރަހައްދުތަކަށް ކުނި އެޅިކަމުގެ ހެކި ލިބުމުން ކަމަށެވެ. އެގޮތުން އެކަކު 5000 ރުފިޔާއިން އަދި ދެވަނަ މީހާ 3000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ޙަމްދާން ވިދާޅުވިއެވެ. ޙަމްދާން ވިދާޅުވީ، ބައެއް ފުލެޓުވެރިން ކުނި ބެހެއްޓުމަށްފަހު ފޮޓޯ ނަގައި ކޮމިއުނިޓީ ގްރޫޕުތަކަށް އަޅަމުންދާކަން އެފްޑީސީގެ މުވައްޒަފުންނަށް ފާހަގަވެފައިވާ ކަމަށެވެ. ބައެއް ފަރާތްތަކުން ހުސްފޮށި އުކާލާއިރު، އޭގެ ތެރެއަށް ކުނިވާ ޒާތުގެ ތަކެތި އަޅައި ކުނިތައް އެއްވުމުގެ ސަބަބުން ކުނިވެ ނަޖިސް ވަސް ދުވާކަން ފާހަގަވެފައިވާ ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ހޯމަ ދުވަހުގެރޭ ފަހި ފުލެޓުތަކުން 25 ޓަނުގެ 17 ކުނި ލޮރީ ހުސްކުރެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ