އުއްތަމަ ފަނޑިޔާރުގެ ޓާސްކްފޯހުން އެޓެންޑްކުރާ މައްސަލަތަކުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމާ ގުޅޭ މައްސަލަ!
ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން، އުއްތަމަ ފަނޑިޔާރު އެކުލަވައިލެއްވި ޚާއްސަ ޓާސްކް ފޯހުން އެޓެންޑް ކުރާ މައްސަލަތަކުގެ ތެރޭގައި، ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް މި ސަރުކާރުން ގެނައި އިސްލާހުގެ މައްސަލަ ހިމެނޭކަން އެނގިއްޖެއެވެ. އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެކުލަވައިލެއްވި ހާއްސަ ޓާސްކް ފޯސްއަކީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުން އަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެކުލަވައިލި ޓާސްކްފޯސްއެކެވެ. ނުވަ މެންބަރުންގެ މައްޗަށް ހިމެނޭ މި ޓާސްކްފޯހުން، ނުނިމި އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކަށް އެޓެންޑް ކުރާނެއެވެ. މި ކޮމިޓީގެ މަސައްކަތް މިހާރުވަނީ ރަސްމީކޮށް ފަށައިފައެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައި ގާނޫނު އަސާސީއަށް މި ސަރުކާރުން ގެނައި އިސްލާހުގެ މައްސަލައަކީ 2024 ވަނަ އަހަރުގެ މައްސަލައެކެވެ. ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮންނަތާ އަހަރަށްކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ބޭއްވި ފަހުންވެސް އަހަރެއްވާން މިހާރު ގާތްވެއްޖެއެވެ. ދެހާސް ސައުވީސްވަނަ އަހަރުގެ ފަހުކޮޅު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ހުށަހެޅުއްވި މި މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ލަސްވާ މައްސަލަތަކަށް އެޓެންޑް ކުރަން ޓާސްކް ފޯހެއް އެކުލަވައިލެއްވިކަން އިއުލާން ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މައްސަލަތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ޓާސްކް ފޯހުން މައުލޫމާތު ހޯދުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން މަގު ފަހު ކޮށްދެއްވާނެ ކަމަށެވެ. "އެ ޓާސްކް ފޯހުގެ ފަރާތުން، މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު، ސީދާ އެ މައްސަލައެއް ހަވާލު ކުރެވިފައިވާ މެޖިސްޓްރޭޓް، ގާޒީ، ފަނޑިޔާރުގެ ގާތު އަހައި އޮޅުންފިލުވުމަށް ފަހު، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް، އެ މައްސަލަ ކުރިއަށް ގެންދިޔުމަށް މަގު ފަހިކޮށްދޭނެ. އަދި މިއިން މައްސަލައެއް ނުނިމި ލަސްވެފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެން ޖެހޭ އެހީތެރިކަމެއް ނުލިބިގެން ކަމަށްވާނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން، އެ ކަމެއްގެ ހައްލު ހޯދުމަށް މަސައްކަތް ކުރެވިގެންދާނެ. އަދި މިކަމަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއް، އަޅާ ކޮންމެ ފިޔަވަޅެއް، ފޮނުވާ ކޮންމެ އީމެއިލެއް، ކުރާ ކޮންމެ ފޯނު ކޯލެއް، ވަކިވަކިން ލޮގް ކުރެވި ބެލެހެއްޓިގެންދާނެ"، އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ގޮނޑި ގެއްލޭ އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ހުއްޓުނީ، އެ މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމަށް އަޑު އެހުމެއް ތާވަލު ކުރެވި، އަޑު އެހުން ފެށުމަށް ކުޑަތަން ވެފައިވަނިކޮށް، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން އެ މައްސަލަ ބަލަމުން ދަނިކޮށް، އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭހެން އެ ބެންޗުގެ މެޖޯރިޓީ ފަނޑިޔާރުން މިހާރުވަނީ ބަދަލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ