ސިނގިރޭޓު ވައްކަން: މުއާޒު، ނޮވެމްބަރު މަހު މަގާމުން ވަކިކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ ވައްކަމުގެ މޭސްތިރިންގެ ގޮތުގައި ތުހުމަތުކޮށް ހައްޔަރުކުރި މިފްކޯގެ އިސް މަގާމެއްގައި ހުރި މުއާޒު ހަލީމް އެ މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގައި މުއާޒު 48، މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރިއިރު އޭނާ ހުރީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
އެ ހައްޔަރާ އެކު އޭރު އޭނާ މަގާމުން ސަސްޕެންޑްކުރި އެވެ. އެކަމަކު މުއާޒު އެ މަގާމުން މިހާރު ވަކިކޮށްފައިވާކަން މިފްކޯއިން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.
ތަފްސީލު - މިފްކޯގެ ޕީއާރު ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ މިއަދު ވިދާޅުވީ މުއާޒު މަގާމުން ވަކިކޮށްފައިވަނީ، 19 ނޮވެމްބަރުގައި ކަމަށެވެ.
"މުއާޒު މަގާމުން ވަކިކޮށްފައި ވަނީ، ވަޒީފާއާ ބެހޭ ގާނޫނާއި ކުންފުނީގެ މުވައްޒަފުންގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން  އޭގައި ހުރި ހުރިހާ އިޖުރާތެއް ފުރިހަމަކުރުމަށް ފަހު،" ޝިފްޒާ ވިދާޅުވި އެވެ.
މި މައްސަލައިގައި މުއާޒު ހިމެނޭހެން 10 މީހަކަށް މިދިޔަ 15 ޑިސެމްބަރުގައި ދައުވާ އުފުލާފައިވެ އެވެ.
މި ވައްކަމުގައި މުއާޒާ އެކު އިތުރު ދެ ވިޔަފާރިވެރިއަކު މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެއީ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. އެންމެ ބޮޑެތި ދައުވާތައް އުފުލާފައި ވަނީ އެ ތިން މީހުންގެ މައްޗަށެވެ.
ވަހީދާއި އާރިފް ބަންދުން ދޫކޮށްލާފައިވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާއިރު، މުއާޒު ބަންދުން ދޫކޮށްލި ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ