18 އަހަރުގައި މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތު: "އެއީ ހޮވިއެއްޗެއް"

އުމުރުން 18 އަހަރުގެ ދިވެހި ޒުވާނަކަށް މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތުކޮށް ހައްޔަރު ކުރުމުން އެއީ އޭނާ ހޮވިތަކެތި ކަމަށް ކޯޓުގައި ބުނެފިއެވެ. ފުލުހުން އިއްޔެ ވަނީ, މި ބޮޑު ތުހުމަތު ކުރެވޭ ނ. މަނަދުއަށް ނިސްބަތްވާ 18 އަހަރުގެ ދިވެހި ޒުވާނެއްގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ. ކޯޓު އަމުރުން އެނގޭގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އިތުރު މުއްދަތު ފުލުހުންނަށް ދީފައެވެ. އެ ޒުވާނާ ކޯޓުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރިއިރު ހުރިތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ހޮވި އެއްޗެއް ކަމަށެވެ. އޭނާ އެހެން ބުނުމާ ގުޅިގެން ފުލުހުން އޭނާ ދެއްކި ތަނެއް ބަލައި ފާސްކުރިއިރު, އެ ތަނުން މަސްތުވާތަކެތި ހޭކިފައިހުރި ހުސްދަޅެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. މި ޒުވާނާގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަމުރުގައި ބަޔާން ކޮށްފައެއް ނުވެއެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ އެކަން ސާބިތު ވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. އަދި މި ފަހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ