ނަދަމާގެ ޝަރީއަތް ސިއްރުކުރިކަން ވެސް ސިއްރުކުރި މައްސަލައެއް

އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް ނުވަތަ ނަދަމާގެ ބަންދުގެ މުއްދަތު ޖެހި ޝަރީއަތް ސިއްރުކުރިކަން ވެސް ސިއްރުކުރި މައްސަލައެއް އޭނާގެ ފަރާތުން ހައިކޯޓުގައި ޖައްސައިފިއެވެ. އައްޑޫ ސިޓީ ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ"ގެ ކުރީ ސަފުން ފެންނަ އެއް މޫނު ކަމަށްވާ ނަދަމާ ހައްޔަރުކޮށްފައިވަނީ އިތުރު އެހެން ބަޔަކާ އެކު، ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރު، ނަދަމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައި ނުގަންނާށެވެ. އެ މައްސަލަ ހައިކޯޓުން ރިޖެކްޓްކޮށްފައި އޮތުމަށް ފަހު، ނަދަމާގެ ބަންދާ ގުޅޭ އެހެން މައްސަލައެއް މިހާރު ވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށް، ޝަރިއަތް ފަށާފައެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ނަދަމާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، ނަދަމާގެ ބަންދު އަޑުއެހުން ސިއްރުކުރިކަން ވެސް ވަކީލަށް އެނގުނީ އަޑުއެހުން ނިމުނު ފަހުން ކަމަށެވެ. އެއީ، ގާނޫނުއަސާސީއާ ޚިލާފަށްކުރި ކަމެއް ކަމަށް ވަކީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަޑުއެހުމުގައި ފަނޑިޔާރު އެ ވާހަކަ ވިދާޅުނުވާ ކަމަށާއި ފުލުހުން އެފަދައިން އެދުނުކަން ވެސް ހާމަނުކުރާ ކަމަށެވެ. "އަސާސީ ހައްގެއް ނިގުޅައިގަނެގެން ހިންގާ ޝަރީއަތެއް ސައްހަ ނުވާނެކަން އަޅުގަނޑުމެން،" ޝަމީލް ވިދާޅުވިއެވެ. އެކަމަކު، ދައުލަތުން ވަނީ އެއީ އަސާސީ ހައްގެއް ނިގުޅައިގަތުން ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދައުވާއެއްގައި ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހެއްގައި ލިބެންޖެހޭ ހުރިހާ ހައްގެއް ބަންދު އަޑުއެހުމެއްގައި ލިބެން ނުޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވިއެވެ. "ރިމާންޑް އަޑުއެހުންތަކަކީ ކުރީގައި އަޅުގަނޑު ދެންނެވި ގޮތަށް މިނިވަންކަން ހިފެހެއްޓުމަށްޓަކައި ބޭއްވޭ އަޑުއެހުންތަކެކޭ. އެ އަޑުއެހުންތަކާއި ސިވިލް ރައިޓް ނުވަތަ ކްރިމިނަލް ލަޔަބިލިޓީއަކާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުންތަކުގައި މީހަކަށް އެ ލިބޭ ހައްގުތަކުގެ ގޮތުގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ތަތުބީގު ނުކުރެވޭނެކަން،" އޭނާ ފާހަގަކުރެއްވިއެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ، ފަނޑިޔާރު އެފަދައިން އިއުލާންކޮށްފައި ނުވުމަކީ 'އިޖުރާއީ މައްސަލައެއް' ކަމަށާއި އެއީ ޤާނޫނާއި ޚިލާފުވުން ނޫން ކަމަށެވެ. އަދި، އިއްޔެގެ އަޑުއެހުމުގައި ޕީޖީ އޮފީހުން ބުނެފައިވަނީ ބަންދާ މެދު ގޮތް ނިންމާ އަޑުއެހުންތަކަކީ، އޭގެ ޒާތުގައި ޝަރީޢަތުގެ އަޑުއެހުންތައް ނޫން ކަމާށާއި އެގޮތަށް ބަލައިގެން ވެސް ނުވާނެ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ބަންދު އަޑުއެހުންތައް ހުޅުވާލައިގެން އޭގެ ޒާތުގައި ގެންދަން ނުޖެހޭ ކަމަށް ވެސް ވަކާލާތު ކުރެއްވިއެވެ. އެކަމަކު، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ވާގޮތުން، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތެއް ނެތް ނަމަ އަޑުއެހުން ކުރިއަށް ގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ނަދަމާގެ ވަކީލު ފާހަގަކުރެއްވިއެވެ. https://sun.mv/215653 އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި ނަދަމާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅެވެ. ނަދަމާ ހުރީ އެ މައްސަލައިގައި 30 ދުވަހަށް ބަންދުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ނަދަމާ ހިމެނޭ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑުރަގު ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް މިދިޔަ އަހަރު ހަމަޖެއްސިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ