ހަމައެކަނި ވެބްސައިޓަކަށް ވަދެލުމުން އައިފޯނު ހެކްކުރާ ނުރައްކާތެރި ސްޕައިވެއާއެއް

ހަމައެކަނި ވެބްސައިޓަކަށް ވަދެލުމުން، އައިފޯނުތަކަށް ވަދެގަނެ މައުލޫމާތު ވަގަށް ނަގާ އާ ސްޕައިވެއާއެއް ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ހޯދައިފިއެވެ. "ޑާކްސްވޯޑް" (DarkSword) ގެ ނަން ދީފައިވާ މި ސްޕައިވެއާ ބޭނުންކޮށްގެން އެންމެ ފުރަތަމަ ހަމަލާދީފައިވަނީ ޔޫކްރެއިންގެ ރައްޔިތުންނަށެވެ. މި ސްޕައިވެއާގެ ނުރައްކާ އޮތީ އައިއޯއެސް 18ގެ ވަކި ވާޝަންތަކެއް ބޭނުންކުރާ ފޯނުތަކަށެވެ. ނަމަވެސް އެޕަލް ކުންފުނިން މިހާރު ވަނީ މި މައްސަލަ ހައްލުކޮށްފައެވެ. https://sun.mv/202457 ގޫގުލް ތްރެޓް އިންޓެލިޖެންސް ގްރޫޕް (ޖީޓީއައިޖީ) އާއި ލުކްއައުޓް އަދި އައިވެރިފައި ގުޅިގެން ހޯދި މި ނުރައްކާތެރި މައްސަލައަކީ، ކުރިން ހޯދިފައިނުވާ (ޒީރޯ-ޑޭ) އެތައް ބަގްތަކެއް ގުޅުވާލައިގެން އުފައްދާފައިވާ 'ފުލް-ޗެއިން އެކްސްޕްލޮއިޓް' އެކެވެ. މީގެ މާނައަކީ ވެބްސައިޓަކަށް ވަންނަ ހިސާބުން ފެށިގެން، ފޯނުގެ ކޮންޓްރޯލް އެއްކޮށް ހޯދުމާ ހަމައަށް މި ޓޫލްކިޓް އަމިއްލައަށް މަސައްކަތް ކުރާނެއެވެ. މި ހަމަލާ ފެށެނީ ސަފާރީ ބްރައުޒާގެ ޖާވާސްކްރިޕްޓް ކޯ އިންނެވެ. އެއަށްފަހު ފޯނުގެ ސެކިއުރިޓީ ފަށަލަތައް ފަޅާލައި، އައިއޯއެސްގެ އެންމެ އެތެރެއަށް (ކާނަލް އަށް) ވަދެގަނެ ފޯނުގެ ފުރިހަމަ ކޮންޓްރޯލް ހޯދައެވެ. ގޫގުލްއިން ބުނާގޮތުގައި މި ހަމަލާތައް ދީފައިވަނީ ރަޝިޔާގެ ޖާސޫސީ ގްރޫޕެއްކަމަށް ބެލެވޭ "ޔޫއެންސީ6353" އިންނެވެ. މިއީ "ވޯޓަރިން ހޯލް" ކެމްޕޭނެކެވެ. އެގޮތުން، ހެކަރުން ވަނީ އެމީހުން ޓާގެޓްކުރާ މީހުން އާންމުކޮށް ވަދެއުޅޭ ޔޫކްރެއިންގެ ބައެއް ވެބްސައިޓްތައް ހެކްކޮށް، އެ ވެބްސައިޓްތަކަށް ވަންނަ މީހުންގެ ފޯނަށް ސްޕައިވެއާ ފޮނުވާފައެވެ. އާންމުކޮށް ފެންނަ ސްޕައިވެއާތަކާ ޚިލާފަށް، ޑާކްސްވޯޑް ފަރުމާކޮށްފައިވަނީ ވަރަށް އަވަހަށް މައުލޫމާތު ވަގަށް ނެގުމަށްފަހު ފިލައިގެންދާ ގޮތަށެވެ. ފޯނަށް ވަންނަތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި، ފޮޓޯތަކާއި، ބްރައުޒިން ހިސްޓްރީގެ އިތުރުން ވަޓްސްއެޕް، ޓެލެގްރާމް އަދި އެސްއެމްއެސް މެސެޖުތައް ވަގަށް ނަގައެވެ. އަދި ކްރިޕްޓޯކަރަންސީ ވޮލެޓްތަކަށް އަމާޒުކޮށްފައިވާ ކޯޑުތަކެއްވެސް މީގެ ތެރެއިން ފެނިފައިވެއެވެ. މައުލޫމާތު ނެގުމަށްފަހު، ހަމަލާދިންކަމުގެ އެއްވެސް ނިޝާނެއް ނުބަހައްޓައި އަމިއްލައަށް މި ސްޕައިވެއާ ފޯނުން ފޮހެވިގެންދެއެވެ. ގޫގުލްއިން މައުލޫމާތު ދޭ ގޮތުގައި ޔޫކްރެއިންގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ އަދި މެލޭޝިއާގައި ވެސް މި ސްޕައިވެއާ ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ. އެޕަލް ކުންފުނިން ވަނީ އައިއޯއެސް 18ގެ އެކި އަޕްޑޭޓްތަކާއެކު މި ނާޒުކު މައްސަލަތައް މިހާރު ހައްލުކޮށްފައެވެ. ތަޖުރިބާކާރުން ލަފާދޭ ގޮތުގައި މިފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ނުދަންނަ ނުވަތަ ޝައްކުކުރެވޭ ވެބްސައިޓްތަކަށް ނުވަނުމަކީ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ