ދިރާގުން އެ ކުންފުންނީގެ ހީވާގި މުވައްޒަފުންގެ ކާމިޔާބީތައް ފާހަގަކޮށް ޚިދުމަތުގެ އަގުވަޒަންކޮށްފި

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. މި ހަފުލާއަކީ އެ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމަށް ބޭއްވުނު ޚާއްސަ ހަފްލާއެކެވެ. ދިރާގުން ބުނި ގޮތުގައި މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ހަފުލާއެކެވެ. މީގެ އިތުރުން، މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފުލާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި އިސް ވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ހަފުލާގައި ދިރާގަށް ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 88 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ޚިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް، 14 ޑިވިޝަނަލް މެރިޓް އެވޯޑް، 10 ސްޕެޝަލް މެރިޓް އެވޯޑް އަދި ތިން ޕްރޮޖެކްޓަކުން އަށް މުވައްޒަފުން ވަނީ އިނޮވޭޝަން އެވޯޑް ހާސިލުކޮށްފައެވެ. ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޗެއާޕާސަންސް އެވޯޑު' ހާސިލުކޮށްފައި ވަނީ ކޮންސިއުމާ ސާވިސަސްގެ ޚަލަފް މުޙައްމަދު ނާފިޒެވެ. އެގޮތުން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މަސައްކަތުގެ މައިދާނަށް ނުކުތް ޚަލަފަކީ، މިއަދު އެ ކުންފުނީގައި ހީވާގި ކަމާއެކު މަސައްކަތްކުރަމުންދާ ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރޭ މުވައްޒަފެއް ކަމަށް ދިރާގުން ބުންޏެވެ. އަދި ޚަލަފް ވަނީ ބާޒާރުގެ ބޭނުންތަކަށް އަވަހަށް އިޖާބަދީ، މި މަސައްކަތްތައް އިތުރަށް ހަލުއިކުރެވޭނެ ޕްލެޓްފޯމެއް ތަސައްވުރުކޮށް، އެ ޕްލެޓްފޯމް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޕްލެޓްފޯމްގެ އެހީގައި ކުންފުންޏައް އިތުރު ފައިދާތައް ހޯދައިދީފައި ކަމަށް ދިރާގުން ބުންޏެވެ. ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ