މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 6 މީހުން ހައްޔަރުކޮށްފި
މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، މިދިޔަ ބުދަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުން ކަމަށެވެ. އެގޮތުން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ: ދ. މީދޫ/ ހަނީސީޒަން، މުޙައްމަދު މާހިރު (36އ) ސ. ހުޅުދޫ/ ސޯސަން، ޢަލީ އީޝާދު (32އ) މާލެ/ ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) ގދ. ތިނަދޫ/ ފައިވްރޯސް، ރިކްޒު އާދަމް (23އ) ޅ. ހިންނަވަރު/ ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) ލ. ގަން/ މުކުރިމަގު، މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ އީޝާދުއާއި، މުޙައްމަދު މާހިރުއާއި، ޢަބްދުލްމާޖިދު އިބްރާހީމްއާއި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް އަދި އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ