އެމެރިކާގެ 2 ޖެޓް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެފި
އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ދެ ފަޔާ ޖެޓް ވައްޓާލި ކަމަށް އީރާނުގެ ސިފައިން ބުނެފިއެވެ. އޭގެ ތެރެއިން އެއް ޖެޓް އެގައުމުގެ ހުޅަނގު ދެކުނު ސަރަހައްދަށް އަދި އަނެއް ޖެޓް ހޮރްމޮޒް ކަނޑުއޮޅި ސަރަހައްދަށް ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ އަސްކަރިއްޔާގެ ޚާތަމަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ ވައިގެ ދިފާއީ ބާރުތަކުން އެއް އެފް-15 ޖެޓް މުޅިން ނައްތާލާފައިވާ ކަމަށެވެ. އޭގެ ފަހުން އެމެރިކާގެ އޭ-10 މަތިންދާބޯޓެއް ގަލްފް ސަރަހައްދަށް ވައްޓާލާފައިވާ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ. އޭ-10 ގެ ޕައިލެޓް ބޯޓު ވެއްޓުނު މީހުން ސަލާމަތްވެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްއިން ބުނެފައިވެއެވެ. ނަމަވެސް ވެއްޓުނު އެފް-15 ކްރޫގެ ތެރެއިން އެއް ޕައިލެޓައް ވީގޮތެއް ނޭނގޭ ކަމަށް މީޑިއާތަކުން ބުނެއެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެޓްގެ އެއް ފަޅުވެރިއަކު ހޯދައި އެމެރިކާ ސިފައިން ސަލާމަތް ކުރި ނަމަވެސް އަނެއް ފަޅުވެރިޔާ އަދިވެސް ނުފެނެއެވެ. ޖެޓް ވައްޓާލިއަސް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކަށް އަސަރު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޖެޓް ވައްޓާލުމަށްފަހު އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޣްރު ޣަލިބާފް ވަނީ ހަނގުރާމައިގައި ކާމިޔާބު ހޯދި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ދައްކަވާ ވާހަކަތަކަށް މަލާމާތް ކުރައްވާފައެވެ. މެދުއިރުމައްޗާއި އޭޝިއާގެ ބޮޑު ބައެއްގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ބަލަހައްޓާ ޕެންޓަގަން އާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މި ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އޮޕަރޭޝަންތަކުގައި އެތައް އުޅަނދެއް ގެއްލިފައިވާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އިރާގަށް ވެއްޓުނު ޓޭންކަރަކާއި، ކުވައިތުގެ ފައުޖުތަކުން އޮޅިގެން ދިން ހަމަލާތަކެއްގައި ވެއްޓުނު އެމެރިކާގެ އެފް-15 މަރުކާގެ ތިން ބޯޓު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ