ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން 6 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ހަނީސީޒަން، މުޙައްމަދު މާހިރު (36އ) އާއި، ސ. ހުޅުދޫ / ސޯސަން، ޢަލީ އީޝާދު (32އ) އާއި، މާލެ / ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި، ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި، ޅ. ހިންނަވަރު / ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) ގެ އިތުރުން ލ. ގަން / މުކުރިމަގު، މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ އީޝާދު، މުޙައްމަދު މާހިރު، ޢަބްދުލްމާޖިދު އިބްރާހީމް އަދި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މުޖުތަމައުއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފުލުހުން ގެންދަނީ ހާއްސަ އިސްކަމެއް ދީގެން އޮޕަރޭޝަންތައް ރާވައި ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ