މޫސުމީ ބަދަލުތަކުން އަރައިގަންނަން މަސައްކަތްކުރުމަށް އޯޕެކް ފަންޑާއެކު ފްރޭމްވޯކެއްގައި ސޮއިކޮށްފި
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށާއި، ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީއާއި އޯޕެކް ފަންޑާ ދެމެދު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފްރޭމްވޯކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ޒަމީރު މި ފްރޭމްވޯކުގައި ސޮއިކުރެއްވީ، އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒުގައި ކަމަށެވެ. މިނިސްޓްރީން ބުނީ، މިއަދު ސޮއިކުރި ފްރޭމްވޯކުގެ ދަށުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި އިއާދަކުރުވަނިވި ހަކަތައާއި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުމަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި، މި ފްރޭމްވޯކުގެ މަގުސަދަކީ ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމްކުރުމާއި ދިގު މުއްދަތުގެ އިގުތިސޯދީ ކުރިއެރުން ކަށަވަރުކުރުމެވެ. އޯޕެކް ފަންޑާއެކު ފްރޭމްވޯކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ ޒަމީރު ވިދާޅުވީ، މި ފްރޭމްވޯކުގެ ސަބަބުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިކަން ލިބި، ދަތުރުފަތުރާއި ޚިދުމަތްތައް ފޯރުކޮށްދިނުމާއި ރަށްރަށުގެ ފެންވަރުގައި އިގުތިސޯދީ ފުރުސަތުތައް ފަހިވާނެ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. "ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި ދަތުރުފަތުރުގެ ނިޒާމާއި ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރުވަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއިލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ޒަމީރު ވިދާޅުވިއެވެ. މި އިންވެސްޓްމެންޓުތަކުގެ ސަބަބުން ގައުމުގެ ވިލުންވެރިކަން އިތުރުވެ، އިގުތިސޯދީ ހަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވަނީ، އޯޕެކް ފަންޑުގެ ދަށުން 1977އިން ފެށިގެން ރަށްރަށުގެ ފެނާއި ނަރުދަމާއާއި ދަތުރުފަތުރާއި ސިއްހަތާއި ތައުލީމާއި މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ