އެމްޑީޕީން އަންނަ މަހު 12، ގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަނީ އެމްޑީޕީން އަންނަ މަހު 12، ގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަނީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މަހު 12، ގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12، ގައި ބާއްވަން މަސައްކަތްކުރަނީ އިންތިހާބަށް ޕާޓީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީއަށް ކެމްޕެއިން ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ސަފުތައް ރުކުވާލައި، އެ ޕާޓީން މުޅި ރާއްޖޭގައި ކެމްޕެއިން ޓީމްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް ދޭން ޖެހޭ ތަމްރީންތައް ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި މަސައްކަތް ކުރަނީ އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.
ކައުންސިލް އިންތިހާބު ގަނޑުބަނޑު ކުރުމަށް ސަރުކާރުން ވަޒީފާތައް ދީ، ބިރުދެއްކުން އިންތިހާއަށް ކުރަމުންދާ ކަމަށް ވަހީދު ތުހުމަތު ކުރެއްވި އެވެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީތައް ވެސް ބާއްވައި ނިންމާފަ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ