ރޯދައަށް މަސްދަޅު ބަހަން މި ހޮނިހިރުގައި ފަށަނީ

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް، މި ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ބަހަން ފަށަން ނިންމައިފި އެވެ.
އެނގުން މުހިންމު - ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަސް ފަށާނީ އަންނަ މަހު 18ގަ އެވެ.
ވީ ކިހިނެއް؟ - ލޯކަލް ގަވަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ދެ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުން ކަމަށެވެ.
ތަފްސީލް - އާދަމް ޝަރީފް ވިދާޅުވީ:
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަލާ ދާން ނަންބަރު ނަގަން މިއަދު ހުޅުވާލާނެ؛ އެ ނަންބަރު ނަގަންޖެހެނީ ފުލުހުން ތައާރަފްކުރާ ޕޯޓަލެއް މެދުވެރިކޮށް
މަސްދަޅު ކޭސް ބަހާނީ އަންނަ މަހު 11ގެ ނިޔަލަށް
މާލެ ސަރަހައްދުގައި 15 މަރުކަޒު ގާއިމުކުރާނެ؛ އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒު
މާލެ:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ދަނޑުގައި ގާއިމްކުރާ 4 ސެންޓަރު
ހުޅުމާލެ ފޭސް 1:
އުމަރު ޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރު
މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2:
ކާމިލުދީދީ ސްކޫލް
ހިޔާ ޓަވަރު 10
ވިނަރެސް ފްލެޓް
ވިލިމާލެ:
ވެމްކޯ ސައިޓް
އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގައި ގޭބީސީގެ ގޮތުގައި ބަލާފައިވާނީ ވަކިން ކައްކާ ކައިބޮއި ހަދާ ކޮންމެ ދިވެހި އާއިލާއެއް ކަމަށެވެ. މާލެ ސަރަހައްދުގައި ކޮންމެ ޑޮމެސްޓިކް މީޓަރެއް ވަކި ގޭބިސީއެއްގެ ގޮތުގައި ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މިނިސްޓްރީން ގޭބީސީގެ ލިސްޓް އެކުލަވާލިއިރު، ޖުމްލަ ގޭބިސީގެ އަދަދަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، 118,673 އެވެ. އެއީ:
ރަށްރަށާއި ސިޓީތަކުގެ ގޭބީސީގެ ޖުމްލަ އަދަދަކީ 56,918 
މާލެ ސަރަހައްދުގެ ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 
ރަށްރަށަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށާއި، ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ ކައުންސިލުތަކުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ