އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއިން ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމުގެ ތުހުމަތު އެމްޑީޕީން މިއަދު ކޮށްފި އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ، އީސީގެ ތެރޭގައި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކަންކަން ޝައްކުކުރެވޭ އަދި ޔަގީނާ ގާތަށް ހިނގަމުންދާ ކަމަށެވެ.
އެގޮތުން، ކެންޑިޑަސީ ފޯމު ހުށަހެޅުމަށް މިފަހަރު ހުޅުވާލާފައިވާ ޕޯޓަލް އަށް ވެރިކަންކުރާ ޕީއެންސީއަށް އެކްސެސް އޮތް ކަމަށް ތުހުމަތުކުރެއްވި އެވެ.
އެގޮތުން، އޭނާ ވިދާޅުވީ:
އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އީފާސް މެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ދޭ
އެ މައުލޫމާތު ޕީއެންސީއަށް ލިބުމަކީ ބޮޑު މައްސަލައެއް؛ އޭގެ މާނައަކީ އެ ޕޯޓަލަށް އެކްސެސް އެބައޮތޭ ޕީއެންސީއަށް
އެކަން ޔަގީންކުރެވޭ ގޮތަކީ އާންމުންނާއި ބައެއް ކެންޑިޑޭޓުން އެ ވާހަކަތައް ހިއްސާކޮށްފައިވާތީ
ތ. ވިލިފުއްޓަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓަކަށް ތާއީދު ދިން މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި
"ކަނޑައެޅިގެން އަޅުގަނޑުމެންނަށް މިފެންނަނީ ޕީއެންސީއަށް އިލެކްޝަން ކޮމިޝަނުން ކަންކަން ފަހިކުރަމުންދާ މަންޒަރު. މިއީ ރައީސް އޮފީހުގައި އީސީގެ ރައީސް [މުހައްމަދު] ޒާހިރު ބޭއްވުމުގެ ނަތީޖާ. ސިއްރު ބައްދަލުވުންތައް ބާއްވައިގެން އަނެއްކާވެސް މި އިންތިހާބު މިވަނީ ނަހަމަ ކަންތައްތަކެއް ހިންގަން މަސައްކަތް ފަށާފައި،" ހުސެއިން ވިދާޅުވި އެވެ.
އީސީގެ ރައީސް އާއި ނައިބު ރައީސް ރައީސް އައްޔަންކުރާ ގޮތަށް މިފަހުން ގާނޫނަށް އިސްލާހު ގެނައި ވެސް މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ތުހުމަތުކުރެއްވި އެވެ.
"އީސީގެ ޕޯޓަލްއަށް ޕީއެންސީއަށް އެކްސެސް އެބައޮތޭ. އެ ބޭފުޅުން ލައިވްކޮށް އެބަ ބަލާ ކޮން ބޭފުޅުންނެއްތޯ އެޕްލިކޭޝަން ހުށަހަޅަމުންދަނީ. ކޮން ބޭފުޅުންނެއްތޯ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދަނީ،" ހުސެއިން ވިދާޅުވި އެވެ.
އީސީގެ ތެރެއިން ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ