ގޭސް މައުމޫންގެ މައްޗަށް ސާބިތުނުވި ފަސް ދައުވާއެއް އިސްތިއުނާފު ކުރަނީ ގޭސް މައުމޫންގެ މައްޗަށް ސާބިތުނުވި ފަސް ދައުވާއެއް އިސްތިއުނާފު ކުރަނީ

ޕީޕީއެމް ސަރުކާރުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުالله މައުމޫން އެ މަގާމުގައި ހުންނެވި ދުވަސްވަރު ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލި ހަތް ދައުވާގެ ތެރެއިން ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅި ފަސް ދައުވާއެއް އިސްތިއުނާފުކުރަން ގަސްތުކުރާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސެޕްޓެމްބަރު 29، 2025 ގަ އެވެ. ސާބިތުނުވާ ފަސް ދައުވާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށް ޕީޖީއިން ބުނެ އެވެ.
"މި ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މި އޮފީހަށް ބެލެވޭ،" ޕީޖީއިން ބުނެފައިވެ އެވެ.
ރިޝްވަތުގެ ކުށުގެ ދައުވާ މައުމޫންގެ މައްޗަށް އުފުލީ އޭޕްރިލް 24، 2024 ގަ އެވެ. އޭނާއަށް ރިޝްވަތުގެ ކުށުގެ ދައުވާ އުފުލީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން އަބްދުﷲ މައުމޫނަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތެއްގެ މައްސަލައިގަ އެވެ.
ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ހަތް ފަހަރެއްގެ މަތިން 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރިލް 7، 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
ދެވަނަ ދައުވާ ކުރީ ޖޫން 2016 ގައި މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކުރުމާއި ހަމަ އެ މުއްދަތުގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
މައުމޫންގެ މައްޗަށް ތިންވަނަ ދައުވާ ކުރީ އޯގަސްޓު 4، 2016 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
ހަތަރުވަނަ ދައުވާ އުފުލީ އޭޕްރިލް 9، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ފަސްވަނަ ދައުވާ ކުރީ މެއި 31، 2017 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި މައުމޫންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 46،555 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
ހަވަނަ ދައުވާއެއް އޭނާގެ މައްޗަށް އުފުލީ އޯގަސްޓު 23، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،955 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ހަތްވަނަ ދައުވާ އުފުލީ އޮކްޓޫބަރު 8، 2017 ގައި މައުމޫންގެ އެއްބަފާ ބޭބެ، އަހުމަދު ހަމީދު، ހ. ހެންވޭރުފެހި، ކ. މާލެ ގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 34،950 ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ