އެ މީހުން ކިޔަވައިގެން އައިސް ދިވެހިބަސް ދޫކޮށް ނުލައެވެ. އަހަރުމެން ދޫކޮށްލިއެވެ.

ލިޔުނީ: ޝަމްޢޫން ޖަލީލް (ލޫކަސް) މުޙައްމަދު އަމީން ކިޔަވާ ވިދާޅުވީ އެ ޒަމާނަށް ނަން ހުރި ސިލޯނުގެ މޮޅު ސެއިންޓް ޖޯސެފް ކޮލެޖުންނާއި އިންޑިޔާގެ އަލީގަޅު ޔުނިވާސިޓީންނެވެ. ދިވެއްސަކު ދިވެހިރާއްޖެއާ ބެހޭ ގޮތުން އިނގިރޭސި ބަހުން ލިޔުނު ފުރަތަމަ ފޮތް ލިޔުއްވީ އޭނާއެވެ. އިނގިރޭސި ބަހަށް ފަރިތަ ނަމަވެސް "އަސަރަކާ އަދި ފޮނިކަމެއް، އެކި ބަސްބަހުން ހަމަ ފެނުނަކަސް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް، މި ދިވެހި ބަހޭ" ވިދާޅުވެ، ދިވެހި ބަހާ އަދަބިއްޔާތަށް ރަންޒަމާން ގެނައީ މުޙައްމަދު އަމީނެވެ. މިހާރު އަހަރުމެން މި ދެކޭ ދިވެހި އަދަބީ މޮޅު އެތައް އުފެއްދުމަކީ އަމީނީ ދައުރުން ގެނައި މުއްސަނދިކަމެވެ. މުޙައްމަދު އަމީނަށް ފަހު ވެސް އެކަން ދެމިއޮތެވެ. ރަށްރަށަށް ނިސްބަތްވާ މަޝްހޫރު އެތައް ޅެންވެރިންނަކީ މުޙައްމަދު އަމީން ކިޔަވައިދޭން މާލެ ގެނައި ކުދިންނެވެ. ފަހަކާ ޖެހެންދެން ރާއްޖެތެރެ ހިންގީވެސް އެ މީހުންނެވެ. ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވިއެވެ. ނާއިބު ތުއްތޫ ކިޔަވާ ވިދާޅުވީ އަރަބިކަރަޔާއި ސިލޯނުގެ ބޭރުވެލިންނެވެ. އޭނާ ކިޔެވި ދާއިރާގެ އިތުރުން ޚިދުމަތްކުރީ ދިވެހިބަހަށެވެ. އަމިއްލަ އެތައް އަދަބީ އުފެއްދުމެއް ނެރުއްވިއެވެ. ހުސައިން ސަލާހުއްދީނާއި ބޮޑުފެންވަޅުގޭ ސީދީ އަމިއްލަ ތަކެތީގެ އިތުރަށް ދިއޯގެ ރައިވަރާއި ދިވެހި އަރުމާދު ރައިވަރު ފަދަ އިހުގެ މޮޅު އަދަބީ އުފެއްދުންތައް މިޖީލާ ހަމައަށް ގެނެސްދެއްވިއެވެ. ހުތް އަލި ދީދީ ކިޔަވައި ވިދާޅުވީ އޭރުގެ އުތުރުކަރަ (އިންޑިޔާ)އިންނެވެ. ރައިވަރާ ހަމައިން ދިވެހި ވަޒަން ބަހުރުވަ ނިމެން އޭނާ ދޫކޮށްނުލެއްވިއެވެ. އަރަބި އުރުދޫ ވަޒަނުގެ މައްޗަށް ދިވެހި ޅެން އުފަންކުރީއެވެ. މަޝްހޫރު ރީތި ދިވެހި ޅެންތައް އައީ އެ ފަހުންނެވެ. ޅެމާ ހަމައިން ދިވެހި ވަޒަން ބަހުރުވަ ހުއްޓިފަ އޮންނަން ނުޖެހެއެވެ. ދިވެހި ބަސް ކުރި އަރާނީ "ރެޕް" އަދި މި ޒަމާނުގެ ޅެމުގެ ބާވަތްތަކަށް ރަސްމީ ތައުލީމުގެ ތެރެއިން ޖާގަ ދީގެންނެވެ. މީރުބަހުރު އިސްމާއިލް ދީދީ ކިޔަވައި ވިދާޅުވީ ސިލޯނުގެ ގާލީންނެވެ. އިނގިރޭސި ބަހަށް އެ ޒަމާނުގައި އެންމެ ފަރިތަ މީހަކީ މީނާއެވެ. މީނާ ބޭރު ބަސްތަކަށް ފަރިތަ މިންވަރު ބުނެދޭން އޭރުގެ މީހަކު ލިޔެފައިވެއެވެ: "ސޯޅިޔާއަކު ފެނިއްޖެ ނަމަ ސޯޅިޔާ ބަހުން، ބުންބާ މީހަކު ފެނިއްޖެ ނަމަ ހިންދުސްތާނު ބަހުން، އެއްލަހައްޓަމުން ޖެހިލުމަކާއި ސިހުމެއް ނެތި މާލޭގެ މަގުމަތީން ހިނގަނިކޮށް މި ފެންނަ ރީތިޒުވާން ކުއްޖަކީ ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާއީލް ދީދީ ފިޔަވައި ދެވަނަ މީހަކު ނޫނެވެ" ފާރިސީ އަދަބިއްޔާތުގެ މޮޅު ޝާހުނާމާ ދިވެހިބަހަށް ގެނައީ އިސްމާއިލް ދީދީއެވެ. ދިވެހިން ދަންނަ ފާރިސީ އެތައް ވާހަކައެއްގެ އަސްލަކީ މިއެވެ. އެހެން ބަސްތަކަށް ފަރިތަވުމުން ދިވެހި ބަސް ދޫކޮށްނުލައްވައެވެ. އޭނާގެ ދޮންތުއްކަލާ "ގެއްލުނު ފުރާވަރު" ލިޔުއްވިއެވެ. އަހުމަދު ކާމިލް ދީދީ ކިޔަވައި ވިދާޅުވީ އިންޑިޔާގެ ލަކަނޫންނެވެ. ދިވެހިބަހުން ފުރަތަމަ ނާވިލު (މިޒަމާނުގެ ވާހަކަލިޔުން، ނޮވެލް) ލިޔުއްވީ އޭނާއެވެ. އާ ގޮތެއް ގެންނެވީއެވެ. ބަދަލަށް ޖާގަ ދިނީއެވެ. ދިވެހި މޮޅު ވާހަކަތައް ލިޔެވުނީ އެ ބަދަލުންނެވެ. އުމަރު އީސާ ކިޔަވާ ވިދާޅުވީ މިސްރުންނެވެ. ފަރަންސޭސީންގެ މަޝްހޫރު ކައުންޓް އޮފް މޮންޓް ކްރިސްޓޯ ދިވެހި ބަހަށް ގެނައީ އޭނާއެވެ. އެ ފަހުން އިނގިރޭސި ޝެކްސްޕިޔަރގެ "ދަ މާޗޭންޓް އޮފް ވެނިސް" ވެނިހުގެ ވިޔަފާރިވެރިޔާގެ ނަމުގައި ދިވެހިބަހަށް ބޭފުޅަކު ގެންނެވިއެވެ. ދިވެހިބަސް ކުރިއެރީ ބަދަލުތަކަށް ޖާގަދީ، ބޭރުގެ މޮޅުކަންވެސް ދަނެ، ބޭރުގެ އަދަބިއްޔާތާވެސް އެކުލަވައިގެނެވެ. އެ ޚިދުމަތްކުރީ ބޭރުން ކިޔަވައިގެން އައި އެއިރުގެ ކުދިންނާއި ރާައްޖޭން ކިޔެވި ކުދިންނެވެ. މިއަދު އެ ކުއްޖަކު ކިޔެވި ދާއިރާއިން ވެސް ބަހުގެ ގޮތުންވެސް ދިވެހިބަހަށް ޚިދުމަތެއް ކުރަނީ ކާކުބާއެވެ؟ ބަސް ކުރިއަރަނީ ލިޔުމާއި އެ ޒަމާނަކާ ގުޅޭ ގޮތުން އުފެއްދުންތައް އިތުރުކޮށްގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ