ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުން އަންނަ މަހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ލޯންޗުކުރުން އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12، ގައި ބާއްވަން މަސައްކަތްކުރަނީ އިންތިހާބަށް ޕާޓީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވުމަށްފަހު ކަމަށެވެ."އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީއަށް ކެމްޕެއިން ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ސަފުތައް ރުކުވާލައި، އެ ޕާޓީން މުޅި ރާއްޖޭގައި ކެމްޕެއިން ޓީމްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.ސަރުކާރު ހިންގާ ޕީއެންސީން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތް މިއަދު ފަށައިފަ އެވެ. މިއީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ. ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމިިޓީގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް 4 ގަ އެވެ. އެ އިންތިހާބުގައި ކައުންސިލަށް 681 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ. ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ