މިއަދު އިއްވީ އަވާމެންދުރެއްފަދަ ރިޔާސީ ބަޔާނެއް: ޝާހިދު

މިއަދު ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާން އޮތީ، އިންތިހާބެއް ބޯމަތިވެފައި އޮތުމުން ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައި ކަމަށާއި އެއީ އަވާމެންދުރެއްފަދަ ރިޔާސީ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްަޒު ވަނީ ރިޔާސީ ބަޔާން އިއްވާފަ އެވެ. މި ބަޔާނުގައި އެކިއެކި ދާއިރާތަކުން ސަރުކާރުން ހޯދާފައިވާ ކާމިޔާބީ ތަކާއި ކުރަމުން އަންނަ މަސައްކަތްތައް އަދި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވާފައިވެ އެވެ. މިއަހަރުތެރޭ ފަށަން ރާވާފައިވާ މަސައްކަތްތަކާއި މުހިންމު ބަދަލުތައް ވެސް ހާމަކުރެއްވި އެވެ.
ބުނީ ކީކޭ؟ - މި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މީގެ ކުރިން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު، ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މިއަދުގެ ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ނުލިބުނު ކަމަށާއި ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން ކަމަށެވެ. 
"ރައީސް މުއިއްޒުގެ މި ހިނގާ  ރިޔާސީ ދައުރުގައި މިއަދު އިއްވެވި 3 ވަނަ ރިޔާސީ ބަޔާންވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ 2 ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިޚާބެއް ބޯމަތިވެފަ އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި،" މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދުގެ ޕޯސްޓުގައިވެ އެވެ.
‏ފާއިތުވެދިޔަ 2 އަހަރުގެ ރިޔާސީބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސްކަމެއް ކުރެވިފައި ނެތް އިރު އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
‏މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުމާއި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިގްތިސާދު ފާލުން ނެއްޓި، މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 
"ރިޔާސީބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި" ޕޯސްޓު ނިންމަވާލައްވަން ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ