އިޓްލޮސް އިން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިން އޮޕަރޭޝަނެއް ހިންގައިފި އިޓްލޮސް އިން މޮރިޝަސްއަށް ދިން ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިން އޮޕަރޭޝަނެއް ހިންގައިފި

ރާއްޖޭގެ ދެކުނުން އޮތް ކަނޑުގެ ސަރަހައްދުން މޮރިޝަސްއަށް ބައިނަލްއަގްވާމީ ކޯޓުން ދިން ބަޔަށް ދިވެހި ސިފައިން ވަދެ އޮޕަރޭޝަނެއް ހިންގައިފި އެވެ.
އިޓްލޮސްގެ ނިންމުމަށް ނުބަލައި ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހެއްދެއްގެ ގޮތުގައި ބަލަން ސިފައިންްނަށް އެންގީ ރައީސް މުހައްމަދު މުއިއްޒެވެ. އެއާއެކު ސިފައިން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދިކަން އިއުލާނުކޮށްފަ އެވެ.
އޭގެ ފަހުން ޑިފެންސް މިނިސްޓްރީ އިން އާންމު ކުރި ފޮޓޯއެއްގައި ފެންނަނީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދެ މަސް ބޯޓު އަތުލައިގެންފައިވާ މަންޒަރެވެ. އެއީ ސްރީ ލަންކާގެ ދެ މަސް ބޯޓެވެ.
އެ ދެ ބޯޓު އަތުލައިގަތުމުގެ ކުރިން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލު ސިފައިން މޮނީޓާކޮށް ބަލަހައްޓަމުންދާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުތައް ދިފާއުކޮށް، ހިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވީ ހިނދު، މި މަސްއޫލިއްތު އަސްކަރިއްޔާގެ ގާބިލްކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އިހުލާސްތެރިކަމާއި ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށެވެ.
"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ