އިނގިރޭސިވިލާތުން އަސްކަރީ މަރުކަޒެއް ހިންގަމުން އަންްނަ ޗާގޯސް އައިލެންޑްސް މޮރިޝަސްއަށް ދޭން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފެހި ސިގްނަލް ދެއްވައިފި އެވެ.
ޓްރަމްޕު މީގެ ކުރިން ވިދާޅުވަމުން ދިޔައީ އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ހަވާލު ކުރަން މިދިޔަ އަހަރު ނިންމި ނިންމުމަކީ "މޮޔަ ނިންމުމެއް" ކަމަށެވެ.
އެކަމަކު، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕު ވިދާޅުވީ، އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ހެދި އެއްބަސްވުމަކީ "މިވަގުތަށް ހެދެން އޮތް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.
މޮރިޝަސްއަށް ޗާގޯސް ހަވާލު ކުރަން ނިންމާފައިވާ ނިންމުމަށް ޓްރަމްޕުގެ ރުހުން ލިބުމަކީ ދިވެހި ސަރުކާރަށް ލިބޭނެ ގެއްލުމެކެވެ. އެ ނިންމުމަށް ޓްރަމްޕު ފާޑުވިދާޅުވިއިރު، އޭގެ ފައިދާ ނަގައިގެން، ރާއްޖެއަށް ޗާގޯސް ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ޓްރަމްޕަށް ގޮވާލައްވައިފަ އެވެ.
މުއިއްޒު ހުށަހެޅުއްވީ އެމެރިކާގެ އަސްކަރިއްޔާއަށް ޗާގޯސްގައި ތިބެވޭ ގޮތަށް އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމަށެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، މިހާރު ވެސް އެތަން ހިނގާ ގޮތަށް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ،" އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ. "ރައީސް ޓްރަމްޕުގެ މަގްސަދަކީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިއަށް އޮތް ތަނުގައި ވެސް ޗާގޯސް ބޭނުން ކުރެވޭނެކަން ކަށަވަރުކޮށް ޔަގީން ކުރުން."
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ކަނޑައެޅުމަށްފަހު ބައިނަލްއަގްވާމީ ކޯޓަކުން ވަނީ ރާއްޖޭގެ ދެކުނުން ސަރަހައްދީ ކަނޑު ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ބައިކޮށްފަ އެވެ. އެކަމަކު، އެ ނިންމުމަށް ތަބާނުވެ، ދެކުނުން 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލާނެ ކަމަށް ސަރުކާރުން މިއަދު އިއުލާނު ކުރި އެވެ. އަދި މޮރިޝަސްއަށް ލިބުނު ބައިގައި ހަރަކާތްތެރިވި ލަންކާގެ ދެ މަސް ބޯޓު މިއަދު އަތުލައިގަތެވެ.
ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ. އޭގެ ކުރިން 2019 ގައި، ޗާގޯސްގައި އިނގިރޭސިންގެ ސިޔާދަތީ ބާރު ނުހިނގާނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އޮތީ ކަނޑައަޅައިފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
ޓްރަމްޕުގެ ސްޓޭންޑު ބަދަލުކޮށް މޮރިޝަސްއަށް ޗާގޯސް ދޭން ނިންމި ޑީލަށް ފެހި ސިގްނަލް ދީފި ޓްރަމްޕުގެ ސްޓޭންޑު ބަދަލުކޮށް މޮރިޝަސްއަށް ޗާގޯސް ދޭން ނިންމި ޑީލަށް ފެހި ސިގްނަލް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ