ހުރާ ބަލިކޮށް އިރާނުގެ ފޫލާދު ސެޕަހާންއަށް ރަނގަޅު ފެށުމެއް
ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގެ ގްރޫޕު ބީގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބު ކުޅުނު ދެވަނަ މެޗުގައި އިރާނުގެ ފޫލާދު ސެޕަހާން އަތުން ބަލިވެއްޖެއެވެ. މި ނަތީޖާއާއެކު ގްރޫޕުގެ ފޯރި ވަނީ ގަދަވެފައެވެ. ހަތަރު ޓީމު ހިމެނޭ މި ގްރޫޕުގައި ފުލުގައި އޮތް ހޫމޯ ވީސީ ފިޔަވާ ބާކީ ތިން ޓީމު ކަމަށް އިރާނުގެ ފޫލާދު އާއި ރާއްޖޭގެ ހުރާގެ އިތުރުން ނޭޕާލް ޕޮލިސް ކުލަބު ވަނީ މޮޅެއް ހޯދާފައެވެ. ހުރާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ހޫމޯ ވީސީ އަތުންނެވެ. މިއަދު ހަވީރު ނޭޕާލް ޕޮލިސް އަތުން ލިބުނު ބައްޔާއެކު ހޫމޯ އޮތީ ދެ މެޗުން ބަލިވެ ތާވަލުގެ ފުލުގައެވެ. ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގައި ރާއްޖޭގެ ހުރައާއި އިރާނުގެ ސެޕަހާން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސަން އިރާނުގެ ފޫލާދު ސެޕަހާން އަތުން ހުރާ ބަލިވީ 3-1 ސެޓުންނެވެ. އިރާނު ފެނުނީ ހަލުވި ކުޅުމެއް ކުޅޭ، ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އިރާނުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމު ވަނީ ދާދިފަހުން އޭޝިއާ ބައްރުގެ ވޮލީގެ ވަރުގަދަ ފިލިޕީންސް ފަދަ ޓީމުތައް ފަހަތަށް ޖައްސާލާފައެވެ. ސޯޝަން އިންޑޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު އިރާނުން ގެންދިޔައީ ފަސޭހަކަމާއެކު 25-14 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ޑިފެންސާއި އެޓޭކުގައި ތަފާތުދައްކާ، ހުރާއިން ވަނީ 25-23 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައި އިރާނު ފެނުނީ ފުރަތަމަ ސެޓުގައި ފެނުނު ކުޅުމެވެ. އެގޮތުން ތިންވަނަ ސެޓު 25-14 އިން ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-12 އިންނެވެ. ކާވާ ވިމެންސް ޗެމްޕިއަންސް ލީގު 2026 ގައި ރާއްޖޭގެ ހުރައާއި އިރާނުގެ ސެޕަހާން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސަން މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބު ހިމެނެނީ ހުރައާއި ހޫމޯގެ އިތުރުން އިރާނުގެ ސެޕަހަން އާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ ރާއްޖޭގެ ކުލަބު ވެމްކޯއާއި ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ. ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ