ރަލާއި އޫރުމަސް ނުވިއްކާ ކޮންމެ ދިވެހި ރައްޔިތަކަށް 400 ޑޮލަރު ދޭނެ ގޮތެއް ފަހުމެއް ނުވޭ: މައުރޫފް
ރަލާއި އޫރުމަސް ނުވިއްކާ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދޭނެ ގޮތެއް ފަހުމު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އެމްޑީޕީއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ، 10 ރިސޯޓް ހެދުމަށްފަހު އަހަރަކު 400 ޑޮލަރު ކޮންމެ ދިވެހި ރައްޔިތަކަށް ދޭން ރައީސް މިއަދު ވެވަޑައިގަތް ވައުދުފުޅު ތަކުރާރުކުރައްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނު ހަލާލު ޓޫރިޒަމްގެ ވާހަކަފުޅު ދެއްކެވުމުން، ހަމަގައިމުވެސް އެމަނިކުފާނު ހައްދަވާ އެއްވެސް ރިސޯޓެއްގައި ރަލާ އޫރުމަސް ނުވިއްކާނޭކަން މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. މައުރޫފް ވަނީ ރިސޯޓުތަކުގައި ރަލާއި އޫރުމަސް ނުވިއްކާނަމަ 10 ރިސޯޓު ހަދައި ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދޭނޭ ގޮތެއް އޭނާގެ ބުއްދިއަށް ފަހުމުނުވާކަމަށް ވިދާޅުވެފައެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެ ޕޯޑިއަމެއް ލިބުނަސް ކޮންމެ މައިކެއް ލިބުނަސް ކޮންމެ މުނާސަބެއްގައިވެސް މީނާއަށް ފުރުސަތު ލިބިއްޖިއްޔާމުން ކުރާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދޮގެއް ހަދަނީ. ދޮގު ހަދަމުންހަދަމުން ގޮސް ދޮގު އެއީ ތެދެއްހެން ހީވާ މިންވަރަށް މީނާ މިދަނީ ދޮގު ހަދަމުން. ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މައުރޫފް ވިދާޅުވީ އަބަދުވެސް އެކި ޕޯޑިއަމްތަކުން އިވިގެންދަނީ އަދުގެ ރައީސް ހަދަމުންގެންދަވާ ދޮގުތަކުގެ އަޑު ކަމަށެވެ. އެހެންނަމަވެސް އިސްލާމީ ޤައުމެއްގެ ވެރިއަކު އަބަދު ދޮގުހަދަމުންދާ ވާހަކަ ދައްކާލަދައްކާލަ ތިބުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާ އަށް ނުފެންނަ ކަމަށާއި އެކަމަށް ބަދަލެއް ގެންނަންޖެހޭ ކަމަށާއި "ރައީސްގެ ދޮގުތައް" ހުއްޓުވަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވެން އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒަށް ނޫނެކޭ ބުނެގެން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓު ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް, މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. https://sun.mv/217596 އެކަމަށް ރައްދުދެއްވާ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުلله މައުސޫމް ވަނީ، ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމުން އެ ސިނާއަތް "ޚަރާބުވާނެ" ކަމަށާއި އެ ކަމުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ވަންނަކަން އިއުލާނުކުރިއިރު، ފައިދާވާ ގޮތަށް ސަރުކާރު ކުންފުންޏެއް ވެސް ނުހިންގޭ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިއަކަށް ވަންނަން ކަމަށް ވިދާޅުވެފައެވެ. https://sun.mv/217614 އަދި މިހާތަނަށް އައިއިރު، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށްވީ، އެ ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުމެއް ނެތި ކަމަށާއި ސަރުކާރުން ހުރިހާ ވިޔަފާރިތަކަށް ވަނުމަކީ ގެއްލުން ބޮޑުވާނެ، ބިރުވެރި ސިޔާސަތެއްގެ ގޮތުގައި އަމީރު ވަނީ ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ