ކައުންސިލް އިންތިހާބަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: މައުރޫފް ކައުންސިލް އިންތިހާބަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: މައުރޫފް

ކުރިއަށް އޮތް އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް މުހައްމަދު މުއިއްޒަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒަށް ތާއީދު ކުރި ނަމަވެސް ގައުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީއަށް ވޯޓު ނުދިނުން މުހިންމު ކަމަށެވެ.
"މިއީ މިޑް ޓާމް އިލެކްޝަނެއް. މިއީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ދިވެހި ރައްޔިތުންނަށް ލިބޭ ފުރުސަތު. މުއިއްޒަށް ކިތަންމެ ވަރަކަށް ތާއީދު ކުރިޔަސް ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށްޓަކައި މި އިންތިހާބުގައި އޭނާއަށް ނޯ ޖަހަންޖެހޭ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓުދިނުމަކުން ސަރުކާރުން ދީފައި ހުރި ވަޒީފާއެއް ނުގެއްލޭނެ ކަމަށެވެ.
"ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ނޫނެކޭ ބުނެ އެމްޑީޕީއަށް ވޯޓު ދިނުމަކުން ރައީސް މުއިއްޒުގެ ވެރިކަމެއް ނުވެއްޓޭނެ. އެކަން ހަނދާން ކުރަންވާނެ އަދި އެމްޑީޕީއަށް ވޯޓު ދިނުމަކުން ޕީއެންސީން ދީފައި ހުރި ވަޒީފާއެއް ވެސް ނުގެއްލޭނެ އަދި ދެ އަހަރު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މައުރޫފް ވިދާޅުވީ، އެމްޑީޕީއަށް ވޯޓު ދިނުމުން، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ނުކުރައްވާކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާނެ ކަމަށެވެ.
"އެމްޑީޕީއަށް ވޯޓު ދިނުމުން ރައީސް މުއިއްޒަށް ވިސްނޭނެ ދިވެހި ރައްޔިތުން ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިކަން. އެއިރުން އަޅުގަނޑުމެންނަށް އެ ލިބެނީ ރައީސް މުއިއްޒު ހަމަ މަގަށް އަޅުވަން ލިބޭ ފުރުސަތު،" މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ