ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗު ދޫކޮށްލުން އެއީ އެކްލަބުން ހިންގި މެޗް ފިކްސިންގެ އަމަލެއްކަމަށް ކްލަބް ވެލެންސިއާއިން ބުނެފިއެވެ.
މިކަމާ ގުޅިގެން ވެލެންސިއާއިން ނެރުނު ނޫސްބަޔާނުގައި ބުނީ، ގްރީން ސްޓްރީޓުން މެޗް ދޫކޮށްލުމަށް ނިންމި ނިންމުމަކީ ސީދާ މެޗް ފިކްސިންގެ އަމަލެއް ކަމަށާއި، އެކަމުގެ ސަބަބުން ވެލެންސިއާގެ ހައްޤެއް ގެއްލިފައިވާކަމަށެވެ. ވެލެންސިއާއިން ބުނީ ލީގްގައި ވެލެންސިއާ ކުޅެންޖެހޭ މެޗްތައް ނިމިފައި އޮއްވައި އޭގެ އެޑްވާންޓޭޖް ނަގައި ހިންގި މެޗް ފިކްސިންގެ މައްސަލަ ފީފާ އަދި އޭއެފްސީއަށް ހުށަހަޅާނޭ ކަމަށެވެ.
މި ބަޔާނުގައި ވެލެންސިއާއިން ބުނީ ގްރީން ސްޓްރީޓުގެ މި އަމަލަކީ ނިއުރޭޑިއަންޓާއި، އެހެން ކްލަބްތަކާއި އެ ކްލަބްތަކުގެ ކުޅުންތެރިންގެވެސް ހައްޤު ގެއްލިގެންދާނޭ ކަމެއްކަމަށެވެ. މެޗް ފިކްސިންގެ އަމަލަކީ ކުޅިވަރުގެ އަހްލާގާއި، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެންމެބޮޑު އަދަބު ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު އަމަލެއްކަމަށެވެ.
ލީގްގައި އެންމެފަހުން ވެލެންސިއާ އީގަލްސް ބައްދަލުކުރިމެޗުން ވެލެންސިއާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ ނަތީޖާއަށް ބަލައި ވެލެންސިއާއަށް ރެލިގޭޝަނަސް ނުގޮސް ސަލާމަތްވާން އޮތީ ގްރީން ސްޓްރީޓްސް އާއި ނިއުރޭޑިއަންޓް ބައްދަލުކުރާމެޗުން 4-0 ގެ ނަތީޖާއަކުން ނިއު މޮޅުވެގެންނެވެ. ނިއު މިހާރު އޮތް ފޯމަށް ބަލައިރު، އެ ނަތީޖާއިން ގްރީން ބަލިކުރުމުގެ ފުރުސަތު އޮތްކަމަށް ބައެއް ފަރާތްތަކުން ވަނީ ދެކެއެވެ.
ކަން އެގޮތަށް އޮއްވައި ގްރީން ސްޓްރީޓުން ވަނީ ނިއުމެޗަށް ހާޒިރުނުވެ ގަސްދުގައި މެޗް ދޫކޮށްލާފައެވެ. ލީގް ގަވައިދު ބުނާގޮތުން މެޗަށް ހާޒިރު ނުވެއްޖެނަމަ، ހާޒިރުވި ޓީމް މޮޅުވިކަމަށް ކަނޑައަޅަނީ ދެ ލަނޑުގެ ތަފާތަކުންނެވެ.
ގްރީންޓްރީޓުން ހިންގި މެޗް ފިކްސިން މައްސަލަ ފީފާއަށް ހުށަހަޅާނަން: ވެލެންސިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ