ހޫނު މޫސުމުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް، ރާއްޖެ އިޝްތިހާރުކުރުމަށް ހަތް މަހުގެ ބޮޑު ކެމްޕެއިނެއް ފަށައިފި
ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކާއެކު، މީސްމީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކެމްޕެއިނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، "ސީސޭޝަނަލް ސަމާ"ގެ ނަމުގައި މި ފެށި ކެމްޕެއިންގެ މަގުސަދަކީ ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މުޅި އަހަރު ދުވަހު ރާއްޖޭގައި ތަފާތު ހަރަކާތްތައްވާކަން ދައްކާލުމާއި، މުޅި އަހަރު ދުވަހު ޒިޔާރަތްކުރުމަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ. އެގޮތުން މީސްމީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވޭ ތަފާތު ހަރަކާތްތަކާއި ތަޖުރިބާތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެއް ޝިއާރެއްގެ ދަށުން އިޝްތިހާރުކުރެވޭނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ. މި ކެމްޕެއިން ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް އެއް ޕްލެޓްފޯމަކަށް ގެނެސް، އިތުބާރު ހުރި ގޮތެއްގައި، އަބަދުވެސް އެންމެ އެ ދުވަސްވަރަކާ ގުޅޭ ތަފާތު އައު ކަންތައްތައް ހިމެނޭ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އަމާޒުގައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ. ވިޒިޓް މޯލްޑިވެސް ކޯޕަރޭޝަނުން ބުނީ، މި ކެމްޕެއިންގެ އޮނިގަނޑު އެކުލަވާލާފައިވަނީ މީސްމީޑިއާއާއި އެހެނިހެން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ފަތުރުވެރިންގެ އާދަކާދަތަކާ ގުޅޭގޮތުން ހަދާފައިވާ ބައިނަލްއަގުވާމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ދިރާސާތަކާ ހަވާލާދީ އެ ކޯޕަރޭޝަނުން ބުނީ، މި ޒަމާނުގެ ފަތުރުވެރިން ދަތުރުކުރާނެ ދުވަސްވަރެއް ނިންމުމުގައި ޑިޖިޓަލް ވަސީލަތްތަކުން ފެންނަ އިޝްތިހާރުތަކަށާއި ރަސްމީ މަސްދަރުތަކުން ފޯރުކޮށްދޭ އިތުބާރު ހުރި މައުލޫމާތަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. އެގޮތުން މީސްމީޑިއާ އާއި ވިޝުއަލް ޕްލެޓްފޯމްތަކުގެ ސަބަބުން ފަތުރުވެރިންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެދުނު ކަމުގައި ވިޔަސް، ދަތުރުގެ އިތުބާރު ކަށަވަރުކުރުމާއި ދަތުރުކުރެވިދާނެކަން ޔަގީންކުރުމުގައި އެ ގައުމެއްގެ ރަސްމީ ޗެނަލްތަކުން ފޯރުކޮށްދޭ މައުލޫމާތު މުހިންމު ދައުރެއް އަދާކުރާ ކަމަށް، ތަފާސްހިސާބުތަކާ ހަވާލާދީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. މި ފެބްރުވަރީ މަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަތް މަހުގެ މި ކެމްޕެއިންގެ ދަށުން "ވިޒިޓް މޯލްޑިވްސްގެ އިވެންޓް ކަލަންޑަރު"ވަނީ މި ކެމްޕެއިންގެ ބްރޭންޑާ އެއްގޮތަށް ބަދަލުކޮށްފައި ކަމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުންޏެވެ. އެ ކޯޕަރޭޝަނުން ބުނީ، މި ކަލަންޑަރުގެ އެހީގައި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތައް އެއް ވިއުގައަކުން ބަލާލެވި، ހޫނު މޫސުމުގައި ވެސް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިނގަމުންދާކަން ކަށަވަރުވެ، ރާއްޖެއަށް ދަތުރުކުރުމަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ. މި ކެމްޕެއިން ދުނިޔޭގެ ފެންވަރުގައި އިސްތިހާރުކުރުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގް ހަރަކާތްތަކުގެ ތެރޭގައި މިހާރު ވަނީ "ސީސޭޝަނަލް ސަމާ" ހިމަނާފައި ކަމަށާއި، އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުގައި ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގެ އެލްއީޑީ ބޯޑުތަކުން އެ ކެމްޕެއިންގެ ބްރޭންޑިން ފެނިގެންދާނެ ކަމަށް ވެސް، ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ