ކުޅުދުއްފުށީގެ ކުނިގޮނޑުގައި ރޯވެ، ބޯ ދުން އަރަނީ

ކުޅުދުއްފުށީ ސިޓީގެ ކުނިގޮނޑުގައި އަލިފާން ރޯވެ، ވަރަށް ބޯކޮށް ދުން އަރަން ފަށައިފިއެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކުޅުދުއްފުށީގެ ކުނި ގޮނޑުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، ކަޅުކުލައިގެ ބޯ ދުންތަކެއް ދަނީ އަރަމުންނެވެ. އަދި މުޅި ސަރަހައްދު ވަނީ ބޯ ދުމުން ފުރިފައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް 'ސަން'އަށް ވިދާޅުވީ، ކުނިގޮނޑުގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ވެމްކޯއިން ދީފައިވާ ކަމަށެވެ. "މިހާރު އެކި ސަރަހައްދުތަކުގަ ވަރަށް ބޮޑަށް ރޯވެފަ ހުރީ، ވަރަށް ބޮޑަށް ދުންވެސް އަރަމުން ދަނީ،" އާދަމް ވިދާޅުވިއެވެ. ކުޅުދުއްފުށީގެ ކުނިގޮނޑުގައި އަލިފާން ރޯވުން: އެމްއެންޑީއެފްގެ ލޮރީއެއް ހަރަކާތްތެރިވަނީ --- ސްކްރީންޝޮޓް އާދަމް ވިދާޅުވީ ކުނިގޮނޑުގައި އަލިފާން ރޯވި ވަގުތާއި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ދަންނަވަން އަދި ނޭނގޭ ކަމަށާއި، ނަމަވެސް އަލިފާން ނިވާލުމަށް އެމްއެންޑީއެފާއި ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އެ ސަރަހައްދުގައި ފުލުހުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ރެޑް ކްރެޒެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންވެސް ސިފައިންވެސް އަދި ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ