ވައިގެ ދަތުރުފަތުރަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑް ދެނީ
ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށް، އެއާޕޯޓު ކުންފުނި އެމްއޭސީއެލުން އެވޯޑެއް ތައާރަފުކޮށްފިއެވެ. އެމްއޭސީއެލުން މިއަދު ބުނީ، "ވެލާނާ އެވޯޑްސް"ގެ ނަމުގައި ތައާރަފުކުރި މި އެވޯޑަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށް ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ އެވޯޑު ކަމަށެވެ. އެ އެވޯޑު ތައާރަފުކުރީ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވެލާނާ އެއާޕޯޓުގެ ޕާޓްނަރުން ކުރާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލުން ވަނީ އަހަރަކު އެއްފަހަރު މި އެވޯޑު ދޭނެ ކަމަށް ބުނެފައެވެ. މި އަހަރުގެ އެވޯޑުގައި ފަސިންޖަރު އެވޯޑާއި ކާގޯ އެވޯޑާއި ލައުންޖް އެވޯޑު ކެޓަގަރީން ޖުމުލަ 22 އެވޯޑު ދޭނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ޚާއްސަ އެވޯޑެއް ވެސް ދޭން ނިންމައިފައިވާ ކަމަށް، އެ ކުންފުނިން މައުލޫމާތުދެއެވެ. އެމްއޭސީއެލުން ބުނީ، މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ