މާލޭގެ ބަރުބަރީ މިސްކިތް މި މަހުގެ 16 ވާ ހޯމަ ދުވަހު އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބަރުބަރީ މިސްކިތުގެ މަސައްކަތް ނިންމި ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ. މިއީ 3 ބުރިއަށް ބިނާކޮށްފައިވާ މިސްކިތެކެވެ. 1400 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތައް ބިނާކުރެވިފައިވާ މި މިސްކިތަކީ ޒަމާނީ މިސްކިތެކެވެ.
މި މިސްކިތް ބިނާކުރަނީ އަމިއްލަ ފަރާތަކުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. އެގޮތުން ވިލި މާލެ މަސްޖިދުއްސަލާމްގެ އަމަލީ މަސައްކަތް ވެސް ރަމަޟާން މަހަށް ފަހު ފެށޭނެ އެވެ.
އަދި މާލެ ޒިކުރާ މިސްކިތުގެ މަސައްކަތް ވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެ އެވެ.
"ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި. މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ސްޕޮންސާ ވަނީ ލިބިފަ. ދެން މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެ," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަ ކުރައްވާ އަންނަ އަހަރު ރޯދައަށް އެ މިސްކިތް ނިންމާ ހުޅުވޭނެ ކަމަށް ވިދާޅުވެފަ އެވެ. މިސްކިތްތައް ޒަމާނީ ކުރިނަމަވެސް ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ތިން ބުރީގެ ބަރުބަރީ މިސްކިތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ