ރައީސް އޮފީހާއި މިނިސްޓްރީތަކުން ޖަވާބުނުދީގެން އައިކޮމްއަށް މިދިޔަ އަހަރު 195 ޝަކުވާ ހުށަހެޅި
ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، ރައީސް އޮފީހާއި މިނިސްޓްރީތަކުން ހޯދަން ހުށަހަޅާ މައުލޫމާތަށް ޖަވާބުނުދީގެން 195 މައްސަލަ ޝަކުވާގެ ގޮތުގައި މިދިޔަ އަހަރު ހުށަހެޅި ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ އޮފީހުން މިއަދު ވަނީ، މިދިޔަ އަހަރު އެ ހުށަހެޅި މައްސަލަތަކުގެ ހިސާބުތައް އާންމުކޮށްފައެވެ. އެ މައްސަލަތައް ހުށަހެޅެނީ، އިސްތިއުނާފު ނުވަތަ ޝަކުވާގެ ގޮތުގައި ކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ. އެގޮތުން، ހުށަހަޅާ މައުލޫމާތަށް މުއްދަތު ހަމަވާއިރު، ޖަވާބު ނުދީގެން އެންމެ ގިނައިން އައިކޮމްއަށް ހުށަހަޅާފައި ވަނީ، މިނިސްޓްރީތަކުގެ ޝަކުވާއެވެ. އެ ބާވަތުގެ 142 މައްސަލަ ހުށަހެޅިއިރު، ރައީސް އޮފީހާ ގުޅޭ 53 ޝަކުވާއެއް މިދިޔަ އަހަރު އެ އޮފީހަށް ހުށަހެޅިއެވެ. https://x.com/ICOMaldives/status/2020382841763442998 އޭގެއިތުރަށް، މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކުން މުއްދަތު ހަމަވިއިރު، މައުލޫމާތު ފޯރުކޮށްނުދީގެން 20 ޝަކުވާ އައިކޮމްއަށް ހުށަހެޅިއެވެ. އެ އޮފީހުގެ ހިސާބުތަކުން އެނގޭ ގޮތުގައި، ރައީސް އޮފީހުން ފޯރުކޮށްދިން މައުލޫމާތާ މެދު ހިތްހަމަނުޖެހިގެން އައިކޮމްއަށް މިދިޔަ އަހަރު 11 މައްސަލަ ހުށަހެޅިއެވެ. އަދި، މިނިސްޓްރީތަކުން ދިން މައުލޫމާތާމެދު ހިތްހަމަނުޖެހިގެން 42 މައްސަލައާއި އިންސިޓިޓިއުޓްތަކުގެ މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތުތައް ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން ސިއްރު ކުރުމާއި އެކަށީގެންވާ މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ އާންމުންނާއި ނޫސްވެރިން ކުރެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ބޭރުގެ މީޑިއާތައް ހިމެނޭ ގޮތަށް މިދިޔަ އަހަރު 424 ފަހަރު މިނިސްޓަރުން އެކި މީޑިއާތަކަށް މައުލޫމާތާއި އިންޓަވިއު ވަނީ ދެއްވާފައެވެ. މިނިސްޓްރީތަކުގެ އެކި އިސްވެރިން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު 493 ފަހަރު މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވާ ކަމަށް އޭރު އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، މިދިޔަ އަހަރުގެ ތެރޭގައި ރައީސް އޮފީހާއި މިނިސްޓްރީތަކަށް ފޮނުވާފައިވާ 1,341 އާރުޓީއައިގެ ތެރެއިން، 1,251 އާރުޓީއައިއަށް ޖަވާބުދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ، ހުށަހެޅި އާރުޓީއައިތަކުގެ 93 އިންސައްތަ ކަމަށްވާއިރު، ޖަވާބު ތައްޔާރުކުރުމުގެ އެކިއެކި މަރުޙަލާތަކުގައި އެއްކުރަންޖެހޭ މަޢުލޫމާތު ހުރުމާއި އެކި ސަބަބުތަކާހެދި އިތުރަށް ވަގުތު ބޭނުންވާ ކަންކަމުގައި ޖަވާބު ނުދެވިހުރި އާރުޓީއައިތަކަށް ޖަވާބު ތައްޔާރުކުރަމުން އަންނަ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ