ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން ޔޫރަޕިއަން ޔޫނިއަންއާ ހިއްސާކޮށްފި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތައް އެމްޖޭއޭއިން ޔޫރަޕިއަން ޔޫނިއަންއާ ހިއްސާކޮށްފި

ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ޔޫރަޕިއަން ޔޫނިއަންއާ ހިއްސާކޮށްފި އެވެ.
ދިވެހި ސަރުކާރާއެކު ބާއްވާ ސިޔާސީ މަޝްވަަރާތަކަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ވަފުދާއެކު މިއަދު އެމްޖޭއޭއިން ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރު، ފާސްކުރި ކޮންޓްރޯލް ގާނޫނުގެ ދަށުން މީޑިއާތަކަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާ ބެހޭގޮތުން މައުލޫމާތު ބަދަލު ކުރެވުނެވެ.
އެގޮތުން، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް ލިބިގެން ނުވާ ބާރުތައް ބޭނުން ކުރުމާއި ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިނުލާ މައްސަލަތައް ބަލަން ފެށުމާއި ސޯޝަލްމީޑިއާ ރެގިއުލޭޓު ކުރަން އެ ކޮމިޝަނުން މަސައްކަތް ކުރި، ކުރުން އީޔޫގެ ސަމާލުކަމަށް އެމްޖޭއޭއިން ގެނަ އެވެ.
އޭގެ އިތުރުން، މި ފަހަކަށް އައިސް ނޫސްވެރިންނަށް ކުރިމަތިވަމުންދާ ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ސިލްސިލާއާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކުރި އެވެ.
އަދި، މިދިޔަ އަހަރު ފާސްކުރި މީޑިއާ ކޮންޓްރޯލް ގާނޫނު ބާތިލު ކޮށްދިނުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން ވެސް އެމްޖޭއޭއިން އީޔޫއާ މައޫލޫމާތު ހިއްސާކުރި އެވެ.
މިއަދުގެ ބައްދަލުވުމުގައި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓުމެންޓުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޯނީ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ޔޫރަޕިއަން ޔޫނިއަނުން ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބަސަޑަރު، ގާލިއާ އަގުޝޭވާ ބައިވެރިވެވަޑައިގެންނެވި އެވެ.
ޔޫރަޕިއަން ޔޫނިއަނުގެ ވަފުދާ އެމްޖޭއޭއިން ބައްދަލު ކޮށްފައި މި ވަނީ، މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކުގެ މައްސަލަތަކެއް ބަލަން ފަށައި ބައެއް ނޫސްތަކުގެ ކޮންޓެންޓުތައް ހުއްޓާލަން އަންގަމުންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ